ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 132 އަށް

ހަލުވި ސްޕީޑެއްގައި ޗައިނާގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފިއެވެ. މަރުވި މީހުންގެ އަދަދު 132 އަށް އަރާފައިވާއިރު މިއީ އިއްޔެ އާއި އަ...

29 Jan 2020 | 03:27

ހަލުވި ސްޕީޑެއްގައި ޗައިނާގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 132 އަށް އަރައިފިއެވެ.

މަރުވި މީހުންގެ އަދަދު 132 އަށް އަރާފައިވާއިރު މިއީ އިއްޔެ އާއި އަޅާ ބަލާއިރު 26ގެ އިތުރުވުމެކެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަމަ އެކަނި ޗައިނާއިން މި ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވިފައިވާ މީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން މަތިވެފައެވެ. އެ އަދަދު މިހާރު ހަ ހާހުން މައްޗަށް ގޮސްފައިވާއިރު މިއީ ގާތްގަނޑަކަށް 1500 އަށްވުރެ ބޮޑު އިތުރުވުމެކެވެ.

މި ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއްވެސް މިހާރު އަޅަމުންނެވެ. އެގޮތުން މި ބަލީގެ "ގްރައުންޑް ޒީރޯ" ކަމުގައިވާ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީގެ އިތުރުން މި ބަލި ފެތުރެމުން އަންނަ 20 ސިޓީއަކުން މީހުން ބޭރުވުމާއި އެ ސިޓީތަކަށް މީހުން އެތެރެވުން ވަނީ މުޅިންހެން ހުއްޓުމަކަށް ގެނެސްފައެވެ. އަދި ޗައިނާގެ އަހަރީ ޗުއްޓީ ވަނީ އިތުރުކޮށްފައެވެ.

20 ސިޓީއެއް "ލޮކް ޑައުން" ކޮށްފައިވާއިރު އެ ލޮކްޑައުންގެ އަސަރު 56 މިލިޔަނަށްވުރެ ގިނަ ރައްޔިތުންނަށް ކުރެއެވެ. ނަމަވެސް ޗައިނާގެ އެ ނިންމުމަކީ ހަރުދަނާ، މި ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ވަރަށް ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ފާހަގަކުރެއެވެ.

ނޮވެލް ކޮރޯނާ ނުވަތަ ވުހާން ވައިރަސްގެ ނަމުން ނަން ދީފައިވާ މި ވައިރަސް ފެތުރެން ފަށައިފިކަން ޗައިނާއިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގައެވެ. އެ ދުވަހުން ފެށިގެން ހަލުވި ސްޕީޑެއްގައި މި ވައިރަސް ފެތުރެމުން އަންނައިރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުންވެސް މި ބަލި މިހާރު މިވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެއާ ގާތުގައިވާ ބައެއް ގައުމުތަކާއި ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތައްވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް