ނުރައްކާތެރި ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރުނު ޗައިނާގައި ތިބި ދިވެހިން ހިލޭ ރާއްޖެ ގެނެސްދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނީ ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރަށް ބަލައި ޗައިނާގައި ތިބި ދިވެހިންނަށް ހިލޭ އެ އެއާލައިން މެދުވެރިކޮށް ރާއްޖެ އާދެވޭނެ އިންތިިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ގުޅައި ފްލައިޓުތަކުގެ ޝެޑިއުލް ބަލައި އެކަން ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
އެ އެއާލައިނުން ދަތުރު ކުރާ ޗައިނާގެ ފަސް ސިޓީއަކުން ދިވެހިންނަށް އާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ. އެއީ ޒިއާން ސިޓީ، ޗެންގްޑޫ ސިޓީ، ހޭންގްޒޫ ސިޓީ، ޗޮންގްކިން ސިޓީ އަދި ނަންޖިން ސިޓީ އެވެ.
ޗައިނާގައި ތިބި ޖުމްލަ ދިވެހިންގެ އަދަދު ހާމަ ނުކުރިޔަސް ފޮރިން މިނިސްޓްރީން ބުނީ ބަލި ފެތުރެމުންދާ ވޫހާން ސިޓީގައި ހަތް ދިވެހިން އެބަތިބި ކަމަށެވެ. އެ ސިޓީގެ ބޮޑުބައެއް ކަރަންޓީން ކޮށްފައި އޮތުމުން ސަރުކާރުން ވަނީ އެ ހަތް މީހުންނަށް މާލީ އެހީދޭން ނިންމާފަ އެވެ.
ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގައި މިހާތަނަށް100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މިހާރު ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު އެހާ އަވަހަށް މި ވައިރަސް ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް