ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކަކާއި، ބައެއް ސާމާނު ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މި މީހާ ހައްޔަރުކޮށްފައިވަނީ އައްސޭރި ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އައްސޭރި ޖަލުގެ މުވައްޒަފުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެރޭ 22:30 ހާއިރު ހިންމަފުށި އައްސޭރިޖަލާއިދިމާ ގޮނޑުދޮށުންނެވެ" ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ މިމީހާއަށް އައްސޭރި ޖަލުގެ މުވައްޒަފުން ފެނުމާއެކު ފިލަން ދުވެފައިގޮސް އައްސޭރި ޖަލުގެ އުތުރުފަރާތު މޫދަށް އޭނާގެ އަތުގައި އޮތް ކޮތަޅެއް އެއްލާލި ކަމަށާއި އަދި އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮތަޅު އެއްލިދިމާ ބަލައިފާސްކުރިއިރު މޫދުން ފެނުނު ކޮތަޅެއްގެ ތެރެއިން 09 ފޯނާއި 12 ހެޑްސެޓާއި 7 ޗާޖަރުގެ އިތުރުން ފޯނާގުޅޭ އެހެނިހެން ސާމާނު ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް