މީގެ ދެ ދުވަސް ކުރިން، އާއިލާ މީހަކު ރަށުން އަންނާތީ އެއާޕޯޓަށް ދިޔައިމެވެ. އެ ފްލައިޓް ޖައްސަން އޮތީ އެ ދުވަހުގެ 2:35 އަށެވެ. ނަމަވެސް 03 ޖެހި އިރުވެސް ފްލައިޓް ލޭންޑް ނުކުރާތީ ފްލައިޓް ކޮބައިތޯ ބަލައިލަން "ފްލައިޓް ރާޑަރ" އެޕް އަޅައިގެން ބަލައިލީމެވެ.
ވ. އަތޮޅު މަތީ އެ ފްލައިޓް ބުރުޖަހާލަ ޖަހާލަ އޮތެވެ. އެގޮތަށް ހައެއްކަ ބުރު ޖަހާފައި އެ ފްލައިޓް ލޭންޑް ކުރީ ކައްދޫ އެއާޕޯޓުން ނައްޓާލިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ވާން ގާތްވެފައިވަނިކޮށެވެ. ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 40 މިނެޓެވެ. ނަމަވެސް ދެ ދަތުރުގެ ވަގުތު ޕަސިންޖަރުން ފްލައިޓްގައި ހޭދަކުރަން ޖެހުނެވެ.
ޖެހިގެން އައި ދުވަހު އެ އެޕް ހުޅުވާލައިގެން ފްލައިޓް މޫވްމަންޓްތައް ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. މިއީ ހަމަ އެކަނި މޯލްޑިވިއަންގެ ފްލައިޓްތަކަށް ދިމާވާ މައްސަލައެއް ނޫނެވެ. މަންޓާ އެއާގެ ފްލައިޓަކަސް ބޭރު ފްލައިޓަކަސް އެއާޕޯޓްގައި ލޭންޑް ކުރާނެ ޖާގައެއް ނުލިބެއެވެ. ގާތްގަނޑަކަށް ހަމަ ކޮންމެ ފްލައިޓެއްހެން މި ޖެހެނީ މަތީގައި ބުރު ޖަހާލަ ޖަހާލަ އޮންނާށެވެ. ޖާގައެއް ލިބުނީމާ ނޫނީ ލޭންޑް ކުރެވޭނެ ގޮތެއް ނެތެވެ. ކަން މިހެން ވުމުން ފްލައިޓް ތަކުގެ ޝެޑިއުލް ޑިލޭ ވުމުގެ އިތުރުން ޕަސިންޖަރުންނަށް ގިނަ ތަކުލީފު ތަކެއް އުފުލަން ޖެހެއެވެ.
ހުރިހާ ރުޅިއެއް މޯލްޑިވިއަން އެއާލައިން އަށް – މޯލްޑިވިއަން އިން ބުނަނީ ގަސްތުގައި ޑިލޭ ނުކުރާ ކަމަށް
ކަން މިހެން ވުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަނީ މޯލްޑިވިއަން އެއާލައިނަށެވެ. ފްލައިޓްތައް ޑިލޭ ވާތީ ރުޅި އަންނަނީ މޯލްޑިވިއަން ދެކެއެވެ. އިއްޔެ ބައެއް ފްލައިޓްތައް ވަރަށް ބޮޑަށް ޑިލޭ ވެގެން ދިޔައިރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ މިކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަން އިން އެއްވެސް ފްލައިޓެއް ގަސްތުގައި ޑިލޭ ނުކުރާ ކަމަށެވެ. އަދި ގަސްތުގައި މޯލްޑިވިއަން އިން އެހެން ނަހަދާނެ ކަމަށެވެ.
ސިންގަލް ރަންވޭއެއްގެ މައްސަލަ – އަންނަ އަހަރު ހައްލުވާނެ ކަމަށް އެމްއޭސީއެލްއިން ބުނޭ
ދުވަހަށް މައުލޫމާތުދެމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވީ ދިމާ މިވަނީ ބިޒީ ޝެޑިއުލެއްގައި ސިންގަލް ރަންވޭއެއް އޮޕަރޭޓް ކުރަން ޖެހުމުން އެ މައްސަލަ ކަމަށެވެ. އަންނަ އަހަރު އާ ރަންވޭ ހުޅުވުމާއެކު މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.
ބޭކާރު ގޮތުގައި ޖެޓް ފިއުލް ހަރަދުވާއިރު އެއާލައިންތަކަށް ބޮޑު ގެއްލުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެންމެ ރަންވޭއެއް ބޭނުންކުރާއިރު މިދުވަސްވަރު ދުވާލަކު އާންމު ގޮތެއްގައި 50 ވަރަކަށް ފްލައިޓް އެއާޕޯޓަށް އެބަ ލޭންޑު ކުރެއެވެ. ނަމަވެސް ޖާގައިގެ ދަތިކަން އޮތަތީ ގިނަ ފްލައިޓްތައް ޖެހެނީ މަތީގައި ކިއޫއެއްގައި މަޑުކުރާށެވެ. އެހެން މަތީގައި ބުރުޖަހާލަ ޖަހާލަ އޮންނައިރު އެއާލައިންތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެއެވެ. 20 ވަރަށް މިނެޓު މަތީގައި އޮންނަން ޖެހުނު ނަމަވެސް ގެއްލުން ވެގެން އެދަނީ އެތައް ބައިރު ޖެޓް ފިއުލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް