އުފަންވުމުން... 9 ވަނަ ބައި

ނާއިލް ތެދުވެގެން ދާން ހިނގައިގަންނަމުން ހާމިދުއާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާލިއެވެ. " ނޫނޭ އަދި ވާނެންޏާ އެ މީހުންގެ ކިބައިން ބަދަލު ހިފާނަން.. އެކަމަކު ހާމިދުއަށް ދެން ސަލާމް އިނގޭ.." ނާއިލްގެ ވާ...

28 Dec 2017 | 04:00

ނާއިލް ތެދުވެގެން ދާން ހިނގައިގަންނަމުން ހާމިދުއާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.

" ނޫނޭ އަދި ވާނެންޏާ އެ މީހުންގެ ކިބައިން ބަދަލު ހިފާނަން.. އެކަމަކު ހާމިދުއަށް ދެން ސަލާމް އިނގޭ.." ނާއިލްގެ ވާހަކަތަކުން ހާމިދުއަށް ތެޅިގަނެވުނެވެ.

" ނާއިލް އަދި މަޑުކުރޭ.. ތި ގޮތަށް ދެވިދާނެ.. އެކަމަކު މިހާރު ކަންތައް ވެފައި އޮތް ގޮތުން ވަރަށް ބޮޑު ނުރައްކަލެއް އެބައޮތް.. މަށަށްވުރެ ނުރައްކާ ބޮޑީވެސް ތި ކަހަލަ ނުވިސްނޭ ނިކަމެތި އިންސާނުންނަށް.. " ހާމިދުގެ ވާހަކަތަކާއެކު ނާއިލްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. މަޑުމަޑުން ފަސް އެނބުރި ބަލައިލިއެވެ. އެތައް ސުވާލުތަކަކުން ފުރިފައިވާ ބެލުމެކެވެ. ހާމިދުގެ އެ ބުނުމާމެދު ތަކުރާރުކޮށް ވިސްނާލައި، ދެވަނަ ވިސްނުމެއް ހިޔާރު ކުރުމަށް އޭނާގެ ސިކުނޑި އޭނާއަށް މަޖުބޫރު ކުރުވަމުން ދިޔައެވެ. އެހެނަސް އޭނާގެ ހިތް ބުނަމުން ދިޔައީ ހާމިދަކީ މަކަރުވެރިއެއް ކަމަށެވެ.

" އޯ.. ކަލޭ ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔާ މަ ބިރު ދައްކައިގެން، އަނެއްކާވެސް ކަލޭގެ ތި ވިޔާނުދާ ކުޅިގަނޑު ކާމިޔާބު ކުރަން މަގޭ ބޭނުން ކުރަންދޯ؟؟؟ " ނާއިލްގެ އަޑާއި ރާގުގައި އަދިވެސް ހަރުކަށިކަން އެކުލެވިގެންވެއެވެ. އެހެނަސް ހާމިދު މަސައްކަތް ކުރަމުން ދިޔައީ ނާއިލަށް ކަމުގެ ނުރައްކާ ވިސްނައިދޭށޭ ހީވާ ކަހަލައެވެ. ނާއިލްގެ އެސުވާލާއެކު، ހިނިތުން ވެލަމުން އޭނާ ބޯހޫރާލިއެވެ.

" ނާއިލް އަދިވެސް ތި ވިސްނަނީ މުޅިން ގޯސްކޮށް. ނާއިލަށް އެނގެންވާނެ މަށަކީ ސިހުރުވެރިއެއްކަން. ނާއިލް މަގޭ ކައިރިއަށް އައީ ސިހުރެއް ހަދަން. އެވެސް އެތައް ބައެއްގެ ފުރާނަ ހިފުމަށް... "

ހާމިދުގެ ވާހަކަތަކުން ނާއިލަށް އޭނާގެ ނުލަފާކަންވެސް ކުޑަ ނޫންކަން އިޙުސާސްވި ކަހަލައެވެ. އޭނާ މަޑުމަޑުން އިސްދަށަށް ޖަހާލިއެވެ. މި މަންޒަރު ކައިރިން ދެކެން ހުރި ހާމިދު އޭނާގެ ވާހަކަ މެދު ކަނޑާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ނާއިލަށް އައި ބަދަލަކީ އޭނާ ބޭނުންވި ބަދަލެވެ. ރުޅިގަދަ ވެފައިވާ ނާއިލްގެ ރުޅި މައިތިރި ކުރުމަށް އޭނާ އެންމެ ފުރަތަމަވެސް އެ ހަމަލާ ދިނީ އޭނާގެ ބަލި ފަޔަށެވެ.

" މި ބުނިހެން ނާއިލް ބޭނުންވި ސިހުރު ހެދުމަށްޓަކައި މަސައްކަތް ކުރިއިރު، މަ އަމިއްލަ އެދުމެއް ހާސިލްކުރަން މަސައްކަތްކުރީ. އެވެސް ކުޑަކަމެއް ނޫން.. ހަގީގަތަށް ބުނަންޏާ މަށަށް އެކަމުގެ ހަގީގަތްތަކާއި، ޒަމާނުއްސުރެ ފޮރުވިފައިވާ މަގޭ އާއިލާގެ ބޮޑު ސިއްރު ނާއިލަށް ކިޔައި ނުދީވެސް ސަލާމަތްކަން އެބައޮތް... އެކަމަކު މިހާރު އޮތީ އެހެން މައްސަލައެއް.. " ހާމިދުގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ނާއިލް އިސްއުފުލާ ބަލައިލިއެވެ. އަދި ސުވާލުކޮށްލިއެވެ. " ކޮން؟؟؟ "

" ނާއިލަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ މިރޭ ކަންތައްތައް ހިނގާ ދިޔަގޮތް.. މަގޭ އަތުން ދޫވެގެން އެ ދިޔަ އެއްޗަކީ އާދައިގެ އެއްޗެއް ނޫން.. އެ ސޮރު ދައިގަނެ އެ ރޫހާނީ ބާރު ފޯރުކޮށްދޭންވީ ހަށިގަނޑަކީ ހަމްޒަތުގެ ހަށިގަނޑު.. ކުރިންވެސް މަ ބުނިހެން އެއީ މަގޭ ސިހުރުގެ އަމާޒަކީ.. އެކަމަކު ހަމަ ޔަގީނުންވެސް މިހާރު އެސޮރު މިރަށުގެ ފަޅުން ބޭރުވެއްޖެ.. މާނައަކީ އެސޮރަށް ހިކި ފަސްތަނެއް އަތުވެ، ފުރަތަމަ ދިމާވާ އިންސާނާ އަކީ އެސޮރުގެ ޝިކާރައަކަށް ވާނެޔޭ.. އޭރުން ހުރިހާ ކަމެއްވެސް ގޯސް ވާނެ..."

" ކޮން ހުރިހާ ކަމެއް ؟ ". ހާމިދު ދައްކަމުން ދިޔަ ވާހަކަތައް ނާއިލަށް މަޑުމަޑުން ގަބޫލުކުރެވެމުން ދިޔައެވެ. އަދި ކުރިން ހާމިދު ކިޔައިދިން ވާހަކަތަކާއި، މިހާތަނަށް ކުރެވުނު ކަންތައްތަކާމެދު ވިސްނާލުމުން ކަމުގެ ނުރައްކާތެރިކަން އޭނާގެ ސިކުނޑިއަށް މަޑުމަޑުން ތަސައްވަރު ކުރެވެން ފެށިއެވެ. އެހެނަސް ދެން ކަން ވާންއޮތްގޮތުގެ ހަގީގަތްތައް އިތުރަށް އޮޅުން ފިލުވަން ބޭނުންވިވަރުން އޭނާ ހާމިދުއާ ސުވާލުކުރިއެވެ.

" ހަމަ ހުރިހާ ކަމެއްވެސް. އެ ސޮރު ހަމްޒަތު ނޫން ހަށިގަނޑެއްގައި ދައިގެންފިއްޔާ، މަގޭ އަތުން ހުރިހާ ބާރެއް ވިއްސި ވިހާލި ވާނެ.. މަށަށް އެއްވެސް ކަމެއް ކޮންޓްރޯލެއް ނުވާނެ.. އެކަމަކު އެ ހަށިގަނޑެއްގައި އިންސާނީ ބާރާއި ރޫހާނީ ބާރު މަސްހުނިވެ، ވަރުގަދަ މަހުލޫގެއް އުފެދޭނެ.. މުއްދުސޮރު ފަދައިން.. އެކަމަކު އެ ބާރު ފުރިހަމަ ވެއްޖެނަމަ އެއަށްވުރެވެސް ބާރުގަދަވެފަ، އިންސާނީ ނަސްލަށް ނުރައްކާ ބޮޑުވާނެ.. މަށަށް ވިސްނުމަށްވެސް ގެންނަން ނޭނގޭ ދެންވާނެ ގޮތެއްގެ ބޮޑުކަން.. އެއީ މައްސަލައަކީ.. " ހާމިދުގެ ވާހަކަތަކުގައިވާ ސީރިއަސްކަން އޭނާގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައެވެ. ހަމަ ހަގީގަތުގައިވެސް ކަންބޮޑުވުމާއި ނުތަނަސްކަމުގެ އަސަރު، ދާތިކިތަކުން ފުރިފައިވާ އެ މޫނުން ފެންނަން އެބަ ހުއްޓެވެ.

ހަމަ އެ ވަގުތެވެ. ފަތިސް ނަމާދުގެ ވަގުތު ޖެހުނީއެވެ. އޭރު އެންޖްލީއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށް އޭނާ ވަނީ ރިޒޯޓްގެ ހެލްތް ރޫމަށް ގެންދެވިފައެވެ. އޭނާގެ ފަޔަށް ލިބިފައިވާ ޒަހަމްގެ ހަގީގަތެއް ނޭނގޭތީވެ އެ ސަރަހަށްދަށް އެއްވި ފަތުރުވެރިން ކަންބޮޑުވުމާއެކު އޭރުވެސް އެކަކު އަނެކަކާ ވާހަކަ ދައްކަން ހެލްތް ރޫމްގެ ބޭރުގައި ތިއްބެވެ.

އައިމަންއަށް ހޭލެވުނީ އެންޖްލީ ކޮޓަރިން ނުކުތްތާ އެތައް އިރެއް ފަހުންނެވެ. އޭނާއަށް ހޭލެވުމާއެކު އެންޖްލީ ކައިރީގައި ނެތަސް އެއީ މާބޮޑުކަމެއް ކަމަކަށް ނުދެކެވެ. އެއީ އަބަދުވެސް އެންޖްލީ ފަތިސް ވަގުތަށް އަތިރިމައްޗަށް ނުކުންނަކަން އެނގޭތީއެވެ.

އެހެނަސް އޭނާ ބޭރަށް ނުކުތުމާއެކު މާހައުލުގެ ހަލަބޮލިކަން ފެނި، ވެގެން އުޅޭގޮތް އޮޅުންފިލައިފިއެވެ. އެކި މީސްމީހުން ކައިރިން އަހައިގެންނެވެ. އޭނާ ވަގުތުން އެންޖްލީ ކައިރިއަށް ދިޔައެވެ. އޭރުވެސް އެންޖްލީ އޮތީ ހޭނެތިފައެވެ. އެހެނަސް އޭރު ފައިގެ ޒަހަމްވެފައިވާ ތަނުގައި ބޭސް އަޅައިފިއެވެ. އައިމަން އެންޖްލީގެ ބޮލުގައި ފިރުމާލައި، ނިތްކުރީގައި ބޮސްދިނެވެ.

" ހޫމމ.. އެކަމަކު ދެން އަހަރުމެންނަށް ކުރެވޭނީ ކޮންކަމެއް ؟ " ހާމިދުގެ ވާހަކަތައް ގަބޫލުކުރެވުމާއެކު، ހާމިދެކޭ އެއްފަދައިން ކަންބޮޑުވެފައިވާ ނާއިލް، ދެން ކަން ކުރަންވީ ގޮތެއް އޮޅުންފިލުވަން ބޭނުންވިއެވެ. އަދި އެކަމުގައި އޭނާގެ ހިއްސާއެއްވެސް މިހާރު އެބައޮތްކަމާއި، މިފެށުނު ކަންތައްގަނޑުގެ ނިމުމެއްވެސް ހޯދަން ޖެހޭނެކަން ނާއިލްއަށް ގަބޫލުކުރެވިފައިވާކަން އޭނާގެ ސުވާލުން އެނގި ހާމަވެއެވެ.

" ސުވާލަކީ ކުރެވޭނީ ކީއްތޯއެއް ނޫން.. ކުރަންވީ ކަމަކީ ކޮބައިތޯ.. މިރޭގައި ދެނެއް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.. ފަހަރެއްގައި މިއިން އިރެއްގައި އެއްވެސް ކަމެއް ނުކުރެވިވެސް ދާނެ.. ވީ އެންމެ އަވަހަކަށް ބަލަންވީ މިރޭގެ ފަތިސް ބަންގީގެ ކުރިން މިތާ ކައިރި ރަށަކުން މީހަކު އާދަޔާ ޚިލާފު ގޮތަކަށް ޒަހަމެއް ވެގެން އުޅޭތޯ.. އެއަށްފަހު ކުރަން ޖެހޭ ކަންތަކަކީ ކުރަން ނުވާވަރުގެ ކަމެއް. އެކަމަކު މިހާރު ނުކޮށްވެސް ވާން އޮތްކަމެއް ނޫން.. އަހަރެމެން ޖެހޭނީ އެ މީހެއްގެ ހަށިގަނޑު ބަދަލު ނުވަނީސް މަރާލަން.. އެ ހަށިގަނޑާއި ފުރާނަ ވަކިކޮށްލަން... "

ހާމިދުގެ ވާހަކަތަކުން ނާއިލްގެ ކަންބޮޑުވުން އިތުރުވިއެވެ. އެހެނަސް އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވުނު މަޝްވަރާތަކުން ދެ މީހުންނަށްމެ އެއްބަސް ވުމަކަށް އާދެވުނެވެ. މަކަރާއި ހީލަތުގެ މަޅިއެއްގައި ބެދި ނާކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމުގެ ހިތިކަން އިޙުސާސްވި ނަމަވެސް، އެކަމުގެ ސަބަބުން ނުކުންނަން އުޅޭ ނޭދެވޭ ނަތީޖާ ހުއްޓުވުމީ ނާއިލްގެ އަޒުމަކަށް ވެއްޖެއެވެ. ސިހުރުގެ ނުބައި އެ ކުޅިގަނޑުގެ އެރޭ ފާއިތުވެގެން ދިޔައީ ނާކާމިޔާބު ސިހުރަކަށްފަހު، ހާމިދު ނާއިލްއާ ހިއްސާކުރި އެ ވާހަކަތަކުންނެވެ. ހާމިދުގެ ގެއިން ނުކުމެ ގެއަށް ދިއުމަށް ނާއިލް މިސްރާބު ޖެހީ ފަތިސް ނަމާދު ބަންގިއަށް ފަހު ޖަމާޢަތުގައި ނަމާދުކުރާ، މުރާލިކަމުގެ އަހުލުވެރިން ނަމާދުކޮށް ނިމުމަކާވެސް ދާދި ގާތްވެފައި ވަނިކޮށެވެ.

ގެއަށް ވަދެވުމާއެކު އާދައިގެ މަތިން، އެންމެ ފުރަތަމަވެސް ނާއިލް އޭނާގެ ކޮއްކޮ ނާއިލާގެ ކޮޓަރީގެ ދޮރު ހުޅުވާ ބަލައިލިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް ނާއިލާ ހުރީ ނަމާދު ކުރާށެވެ. ނާއިލް ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. މިއަދު ނާއިލާއަށް އެ ވަނީ ބޮޑު ބަދަލެއް އަތުވެފައެވެ. މާޒީގެ އެ ކަޅު ސަފްޙާތައް އަލުން ބަލައި ކަރުނަ އޮހޮރަން ވަގުތު ދުއްވާލުން އޭނާ ހުއްޓާލައިފިއެވެ. މުރާލިކަމާއި، މަސައްކަތްތެރިކަން އިސްކޮށްފިއެވެ. އެހެނަސް ހިތުގައިވާ ރިހުމާއި ތަދުކެނޑެން ތެދުވެރި ލޯތްބެއްގެ ފޮނި މީރުކަން ބޭނުން ނުވާނެ ބާވައެވެ؟

ނާއިލް މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު، ކަންނެތް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނިދާ އެނދު ފެނުމާއެކު އޭނާއަށް ކެތެއް ނުވިއެވެ. ކަނޑާ ވައްޓާލި ރުކެއްހެން އެނދުމައްޗަށް ވެއްޓިގަތެވެ. ނުނިދާހުރެ މުޅި ރޭގަނޑު އެއްކޮށް އެތައް ކަމެއްގައި އުޅުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަނީ ބުރަ ބޮޑުވެފައެވެ. ހަށިގަނޑު ވަނީ ލޮޑުވެފައެވެ. ކަންނެތްވެފައެވެ. އެހެންކަމުން ދާދި އަވަހަށް އޭނާއަށް އަރާމު ފުން ނިންޖަކުން ނިދިއްޖެއެވެ. އެހެނަސް އޭރު އާ ދުވަހަކަށް އިރުއެރުމުގެ އަލާމާތްތައް އުދަރެހުން ދައްކާލައިފިއެވެ. ޖައްވުގެ ކަނު އަނދިރި ކަމުގެ މައްޗަށް އަލިކަން ގަދަވެ ގަތުމަށް މަސައްކަތް ފަށައިފިއެވެ.

އާ ދުވަހަކަށް އިރު އަރައި ޖައްވު ހޫނު ކުރަމުން ދަނީއެވެ. ނަމާދުން ފޭބިގޮތަށް ޤުރުއާން ކިޔެވުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، ގޯތިތެރެ ކުނިވެސް ކަހައި ނިމިގެން، ހެނދުނު ނާސްތާ ތައްޔާރުކުރަން ހުރި ނާއިލާ އަތުގައިވާ ގަޑިއަށް ބަލައިލުމަށްފަހު ބޯހޫރާލިއެވެ. އަދި ހަލުވިކޮށް، އަނެއްކާވެސް ބަދިގެއިން ނުކުމެ ނާއިލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ދޮންބޭ.. ދޮންބޭ... އަދިވެސް ނުހޭލަނީތަ؟؟ މިހާރު އޮފީހަށް ދާ ގަޑިޖެހެނީއޭ. ސައިވެސް ތައްޔާރުވެއްޖެ.. އަވަހަށް ތެދުވެބަލަ.. " ހަފްތާ ބަންދަށް ފަހު އޮފީސްތައް ހުޅުވޭ ފުރަތަމަ ދުވަހަށް ވީނަމަވެސް، ނާއިލްއަކީ އެހެންޏާވެސް އަމިއްލައަށް ތެދުވެ ތައްޔާރުވެގެން އޮފީހަށްދާ މީހެކެވެ. މީހަކު ގޮވާކަށް ޖެހޭ މީހެއް ނޫނެވެ. އެހެނަސް މިއަދު ނާއިލާ ތަކުރާރުކޮށް ގޮވުމުންވެސް އަދިވެސް އޭނާގެ ޚަބަރެއް ނުވެއެވެ. އެކަމާ ނާއިލާ މިހާރު ކަންބޮޑު ވެސް ވެއްޖެއެވެ. އެހެންކަމުން މިފަހަރު ނާއިލާ ނާއިލަށް ގޮވުން ހުއްޓައެއް ނުލިއެވެ.

ނާއިލަށް ހޭލެވިއްޖެއެވެ. ނާއިލާ ތަކުރާރުކޮށް ގޮވަން ފެށުމުންނެވެ. އެހެނަސް އަދިވެސް އޭނާގެ ނިދި ހަމައެއް ނުވެއެވެ. ބޮލުގައި ގަދައަށް ރިއްސައެވެ. އަދިވެސް ބޭނުންވަނީ އަރާމު ކުރާށެވެ. އެހެންކަމުން އޭނާ ގަސްތު ކުރީ މިއަދު އޮފީހަށް ނުނިކުންނާށެވެ. ނާއިލާ ކައިރީގައި ދޮންބެ މި އުޅެނީ ބަލިވެ ކަމަށާއި، ދެން ނުގޮވުމަށް ބުނުމުން ނާއިލާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ނާއިލް ބަލިވެ އުޅޭ ވާހަކަ ބުނުމުން އޭނާ އިތުރަށް ކަންބޮޑުވިއެވެ. އެހެނަސް ވީ ކީއްތޯ ސުވާލު ކުރާކަށްވެސް ނުކެރުނެވެ. ނާއިލާ ދިއުމުން އަނެއްކާވެސް ނާއިލް އޮށޯވެ ނިދިއެވެ.

އެންޖްލީ ބާއްވާފައި އޮތް އެނދުގެ މަގަތުގައި އިށީންދެ އެނދުގައި އަތްބާއްވާލައި، ބޯ ޖަހައިލައިގެން ނިދިފައި އޮތް އައިމަންއަށް ސިހިފައި ހޭލެވުނީ، އަލިފާން ޖެއްސުމުން ކުރެވޭފަދަ ދިލަ ވޭން ހުރި ހޫނު އިޙުސާސެއް އޭނާގެ ކަނާއަތަށް ކުރެވުމުންނެވެ. ލިބުނު ސިހުމާއެކު ވަގުތުން އޭނާއަށް އަތް ދަމައިގަނެވުނެވެ. އަދި ކަނާއަތުގައި ވާއަތުން ފިރުމަމުން، މޫނާ ކައިރިކޮށް އަތަށް ފުމެން ފެށުނެވެ. ދިގު ފުން އަރާމު ނިންޖަކުން ނިދުމަށް ފަހު ހޭވެރިކަން ވެފައި އޮތް އެންޖްލީ އޮތީ ހައިރާންވެފައެވެ. އައިމަންގެ ހަރަކާތްތަކުގެ ސަބަބުންނެވެ. އެންޖްލީއަށް ހޭލެވުމާއެކު، ކައިރީގައި އައިމަން އިންތަން ފެނުމުން އުފާވެރިކަން އިޙުސާސްވިއެވެ. އަދި މަޑުމަޑުން، ނިދިފައި އޮތް އައިމަންގެ އަތުގައި އަތް ޖައްސާލިއެވެ. އެހެނަސް އެ ވަގުތު ސިހިފައި އައިމަންއަށް ހޭލެވި، މިހާރު ދެން އެ އުޅެމުންދާ ގޮތަކުން އެންޖްލީގެ އުފާވެރިކަންވެސް ގެއްލިއްޖެއެވެ.

" ކިހިނެއްވީ ؟ " އިނގިރޭސިބަހުން، އެންޖްލީ އަސަރާއެކު މަޑުމަޑުން ވީ ކީއްތޯ އަހާލިއެވެ. އެންޖްލީއަށް ހޭލެވިފައިއޮތްކަން އައިމަންއަށް އެނގުނީވެސް އެހާ ހިސާބުންނެވެ. ތެޅިގެންފައި އައިމަން އެންޖްލީގެ ދޮން އަދި އެހާމެ ރީތި، ޅަގޮތްގަނޑުހުރި މޫނަށް ބަލައިލިއެވެ. އެންޖްލީ އައިމަންއަށް އޭނާގެ ޖާދުވީ މަޑު ފިޔާތޮށި ކުލައި ތުންފަތުން، ލުއިލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ.

އެންޖްލީގެ އަތް ބީހިލުމުން އައިމަންއަށް އެ ފަދަ ވޭން ހުރި ހޫނެއް އިޙުސާސްކުރެވުނީ ކީއްވެހެއްޔެވެ؟ އެންޖްލީގެ ހަށިގަނޑުގައި ބަލިކަމެއްގެ ސަބަބުން ވިޔަސް އެފަދަ ހޫނުކަމެއް ވާނަމަ އޭނާގެ ފަރާތުން އެފަދަ ކަމެއް ނުފެންނަނީ ކީއްވެ ހެއްޔެވެ؟  ހަމަ ކޮންމެ މީހެއްގެ ހިތުގައިމެ މި ދަނޑިވަޅުގައި އުފެދޭނެ ސުވާލުތަކެކެވެ. ހާއްސަކޮށް ކަން ދިމާވި ގޮތުން އައިމަންގެ ހިތުގައި މިފަދަ ސުވާލުތަކެއް އުފެދެން ޖެހޭނެކަމަށް ގަބޫލުކުރެވެއެވެ. އެހެނަސް ކަންތައްވީ މުޅިން އެހެން ގޮތަކަށެވެ. ބަލި އެނދުގައި އޮތް އެންޖްލީގެ އެ ލޯބި ހިނިތުންވުން ފެނުމާއެކު އައިމަންގެ ހިތް އުފަލުން ނަށައިގަތެވެ. ހާސްކަމާއި ނުތަނަވަސްކަން ކަފުންކޮށް، ހިތްހަމަޖެހިފައިވާ ހިތަކާއެކު އޭނާއަށްވެސް ހިނިތުންވެލެވުނެވެ.

" އެންޖްލީ ކިހިނެއްވީ ؟ "  އެންޖްލީ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، އައިމަން އެންޖްލީގެ ފަޔަށް އިޝާރާތް ކުރަމުން އެންޖްލީއަށް ލިބިފައިވާ ޒަހަމް ލިބުނު ސަބަބެއް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

ނާއިލާގެ ސަބަބުން ހަޔާތަށް އައި ކަޅުކަމަށް ފަހު އުޅުން ބަދަލުވެ، އައިމަން މުޅިން ތަފާތު އައިމަންގެ ގޮތުގައި އުޅެމުން ދިޔަ ނަމަވެސް އޭނާއަށް މިހާރު އަނެއްކާވެސް ވަނީ ލޯބި ވެވިފައެވެ. އެންޖްލީ ދެކެ ލޯބި ވެވިފައެވެ. ނާއިލާ ކަންތައް ކުރިގޮތުން، އަންހެން ކުދިންނަކީ ބޭކާރު ބައެއްކަމުގައި ދެކެމުން، ލޯތްބަކީ އެއްވެސް އެއްޗެއް ނޫންކަމަށް ބުނަމުން ރިޒޯޓްގައި ޔޫރަޕްގެ އަންހެން ކުދިންނާއެކު ވަގުތުތައް ހޭދަކޮށް، ރަލުގެ މަސްތުގައި ބެހެމުން ދިޔަ ނަމަވެސް، އައިމަންއަށް މިހާރު އެންޖްލީއަށް ހާއްސަ ސަމާލުކަމެއް ދެވެއެވެ. އޭނާއަށްޓަކައި ވަގުތު ހުސްކުރެވެއެވެ. އަޅާލުމާއި އޯގާތެރިކަން ދެވެއެވެ.

އައިމަންގެ މޫނަށް ބަލަހައްޓައިގެން އިން އެންޖްލީއަށް، އޭނާއަށް ކަމެއް ވުމުން އައިމަން ކަންބޮޑުވެފައި އިން މިންވަރު ވަރަށް ސާފުކޮށް ހާމަވެއެވެ. އައިމަން އޭނާއާ މެދު ބަހައްޓާ ޚާއްސަކަމާއި، ލޯބިވާ މިންވަރު ހާމަވަމުން ދިޔަ މިންވަރަކަށް އެންޖްލީގެ ހިތް އުފަލުން ފުރެމުން ދިޔައެވެ. އުފަލުންގޮސް އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.

އެންޖްލީގެ ލޮލުން ކަރުނައިގެ އަސަރު ފެނުމާއެކު ވީގޮތް އޮޅުންފިލުވަން ކެތްމަދުވެފައި އިން އައިމަންގެ ހިތަށް ނުހަނު ބޮޑަށް ތަދުވިއެވެ. އެންޖްލީ ބޮޑު ވޭނެއް އުފުލާކަމުގައި އޭނާ ހިތް ބުނެފިއެވެ.

" ހޭ.. ބެބީ.. ތަނަކަށް ތަދުވަނީތަ ؟ " އަވަސް އަވަހަށް، އޯގާތެރިކަމާއެކު އައިމަން އަހާލިއެވެ. އައިމަންގެ ކަންބޮޑުވުން ފެނުމުން އެންޖްލީގެ ގާތަށް ހިނިވެސް އައެވެ. ނޫނެކޭ ބުނުމުގެ ގޮތުން ލުއި ހިނިތުންވުމަކާއެކު ބޯހޫރާލިއެވެ.

އަނެއްކާވެސް އައިމަން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް ވާހަކަ ނުދައްކާށޭ ބުނާފަދަ ގޮތަކަށް ބޯހޫރާލަމުން އެންޖްލީ އައިމަންގެ ތުންފަތުގައި އޭނާގެ އިނގިލި ޖައްސާލިއެވެ. އަދި އައިމަންގެ ބޮލުގައި އޭނާގެ ދެއަތުން ހިފަހައްޓާލަމުން، މަޑުމަޑުން އައިމަންގެ މޫނު އޭނާގެ މޫނާ ކައިރިކޮށްލިއެވެ. އެ ގައިގޯޅިކަމުގައި އެކެއްގެ ހޫނު ނޭވާތައް އަނެކަކުގެ މޫނުގައި ބޮސްދޭން ފުރުސަތު ދެމުންނެވެ. އެ ހަމަހިމޭންކަމުގައި ލޭގެ ހިނގުން އަވަސްވެ ހިތުގެ ވިންދުގެ އަޑު ދެ މީހުންމެ ހިއްސާކުރަމުންނެވެ. އައިމަން މަޑުމަޑުން އެންޖްލީގެ ރަތްވެފައިވާ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް