މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި

މޯލްޑިވްސް މެރިން އެކްސްޕޯ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ. މި އެއްބަސްވުމުގައި ސޮއި ކުރީ ކްރޮސްރޯޑްސް މޯލްޑިވްސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މެރިން އެކްސްޕޯގައ...

28 Nov 2021 | 18:13

މޯލްޑިވްސް މެރިން އެކްސްޕޯ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ ކްރޮސްރޯޑްސް މޯލްޑިވްސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީން މިިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އެންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް ހިމެނެއެވެ.

މީގެ އިތުރުން، އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގ، އިންޖިނޭރިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. އެމްޓީސީސީން މި އެކްސްޕޯގައި ބައިވެރިވަމުން އަންނަ މައިގަނޑު މަގްސަދަކީ އެމްޓީސީސީން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މި ދާއިރާގެ ވީހާވެސް ގިނަ ބައިވެރުންނަށް ހިއްސާކޮށް މި ދާއިރާއިން އެމްޓީސީސީިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖާ ޝާމް މުހައްމަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް