ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫޢަކީ ރިޔާސީ ވަޢުދެއް ކަމަށާއި އެމަސައްކަތް ކުރިޔަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް މުޙައްމަދު ޖަލާލު ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.
ހިރިލަންދޫގެ ކައުންސިލުގެ ރައީސް ވަނީ ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއި ފެނާއި ނަރުދަމާގެ މަޝްރޫއާއި ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ރަށުގެ ކައުންސިލުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ގިނަ ޒަމާންތަކެއްވަންދެން ނުކުރެވި ހުރި ތަރައްޤީގެ ބައެއްކަންކަން މި ސަރުކާރުން ކުރެވޭނެގޮތަށް ފަހިކޮށްދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރެއްވި އެވެ.
އެގޮތުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި އެމަސައްކަތް ކުރިޔަށްދާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެ ރަށުގެ ތަރައްޤީއަށް ކައުންސިލުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައި އެކަންކަމާގުޅޭ ފަހުގެ މަޢޫލޫމާތުތައް ވެސް ރައީސް ސޯލިހު ވަނީ ޙިއްޞާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް