މިނިސްޓަރ މަހްލޫފް މަގާމުން ދުރުކުރުމަށް މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓިއަށް ހުށައަޅައިފި

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް މަގާމުން ދުރުކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓިއަށް ހުށައަޅައިފި އެވެ. މަހްލޫފު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވަނީ އެމްއެމް...

28 Nov 2021 | 17:37

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް މަގާމުން ދުރުކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓިއަށް ހުށައަޅައިފި އެވެ.

މަހްލޫފު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާތީ  އެވެ.

މަޚްލޫފް މަޤާމުން ދުރުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ މަޚްލޫފްގެ މައްޗަށް ދަޢުވާ އުފުލާފައިވާތީ އޭނާ ވަޒީރުކަމުގައި ބެހެއްޓުމަށް ނުފެންނަކަމަށެވެ. އަދި މަޚްލޫފް ވަޒީރުކަމުން ވަގުތުން ވަގުތަށް ދުރުކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށް ވެސް ޖާބިރު ވަނީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އެވެ.

މަޙުލޫފުގެ މައްޗަށް މި ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ އެވެ.

ޚިޔާނާތުގެ ތުހުމަތުތާކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން ވަނީ އެކަހެރިކޮށްފަ އެވެ. ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއެކު ސަރުކާރުން ވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފަ އެވެ.

އެންމެފަހުން އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު އެވެ.

މިނިސްޓަރ މަޚުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރައްވައި، ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް