ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުމުގައި އިސްކޮށް އުޅުނު ދެ ބިދޭސީން ހައްޔަރުކޮށް، ބަންދުގެ މުށްދަތު ޖަހައިފި

ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުމުގައި އިސްކޮށް އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ނެވެ. އެއީ އުމުރުން 29...

28 Nov 2021 | 16:52

ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުމުގައި އިސްކޮށް އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ނެވެ. އެއީ އުމުރުން 29 އަހަރުގެ ރޮބީއުﷲ ނަމަކަށް ކިޔާ މީހަކާއި އުމުރުން 31 އަހަރުގެ ފިރުދައުސް ނަމަކަށް ކިޔާ މީހެކެވެ.

އެމީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ރޮބީއުﷲ އަށް 10 ދުވަހަށް އަދި ފިރްދައުސް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ރޮބީއުﷲ އަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުން ކޮށްގެން ކަޅު ބާޒާރުގައި ގަވައިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގި ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ބައެއް ހެކިތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަން ވެސް އަމުރުން އެނގެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާއަކީ ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގައި އިސްކޮށް އުޅޭ އެ ވިޔަފާރީގެ ބޮޑެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފިރުދައުސާ ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ވިއުގައެއް ހަދައިގެން ޖަމާއަތެއް މެދުވެރިކޮށް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ފުލުހުން ވަނީ އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ބޭންކު މެދުވެރިކޮށް ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ހަދައިގެން ކަމަށް ބުނެފައެވެ.

އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައި ދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް