ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަަމަށް އެގައުމުގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރ...

28 Nov 2021 | 14:57

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަަމަށް އެގައުމުގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްއޫދު މިހެން ވިދާޅުވިނަމަވެސް، އެކަމަނާ ރާއްޖެ ވަޑަައިގަންނަވާނެ ވަކި ތާރީޚެއް ހާމައެއް ނުކުރައްވަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ މިި އަހަރުގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ، ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ސަރަހައްދީ ވިޔަފާރި އާއި ގުޅުންތައް އިތުރުކުރުމާއި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.

ކޮވިޑަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވުމާއި ކޮވިޑްގެ ޕެންޑެމިކް މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވަނީ ތައުރީފުކުރައްވާފަ އެވެ.

އެގޮތުން ވަކި ގައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުން ވަނީ ޚާއްސަގޮތެއްގައި ފާހަގަ ކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެބޮޑު ބޭނުމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާއެކު ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ވަފުދަށް ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް ބަދަހިކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، މިއަހަރުގެ މާޗް މަހު ރައީސް ސޯލިހް ވަނީ އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބައްދަލުކުރައްވައިފައެވެ. އަދި ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ އިހުތިފާލުތަކުގައި ރައީސް ސޯލިހް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް