ކުރީގެ ޓޫރިޒަމް މިނިސްޓރު އަލީ ވަހީދާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ މައްސަަލަތަކުގެ ޝަރީއަތަށް ހާޒިރުވާން މުއްދަތެއްދީފި އެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ހަތް ދައުވާއެއް އުފުލާފައިވެ އެވެ. ދައުވާތައް އުފުލާފައި ވަނިކޮށް އޭނާ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
އަލީ ފުރާވަޑައިގެންނެވުމުގެ ހުއްދަ ދީފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވާގޮތަށެވެ.
އެ މައްސަލައިގަ މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމަށް އަސްހަދު ހާޒިރުވެފައިވެ އެވެ. ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތް ކުރިޔށް ގެންދިޔީ އާންމުކޮށް ހުޅުވާލައިގެންނެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުން އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ދެ މީހުންނަށް ފިޔަވަޅު ނާޅައި ދޫކޮށްނުލެވޭނެ ކަމަށާއި އެއީ ކޯޓުގެ ގަދަރު ހިފަހައްޓަން ކަމަށް ވިދާޅުވި އެވެ.
އަސްހަދު ވިދާޅުވި ގޮތުގައި ޖާމިނުވެ އެއްބަސްވި ގޮތަށް ހަތަރު މަސް ތެރޭގައި އޭނާ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރި އެވެ. އޭނާ އެހެން ވިދާޅުވީ މީގެ ކުރިން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެފައިވާތީ އެވެ.
އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށްޓަކައި ހައްޔަރު އަމުރެއް ނެރޭނެ ކަމަށް ވެސް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް