ރައީސް ސޯލިހު، ނަފްރަތުގެ ބިލް ތަސްދީގު ކުރައްވައިފި

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އަދި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމުގައި ބުނެ ވާހަކަ ދެއްކުން ފަދަ ކުށްތައް މަނާކުރަން ދިވެހިރާއްޖޭގެ ޤާނޫނަށް ގެނައި އިސްލާހު (ނަފްރަތުގެ ބިލް) ރައީސް އިބްރާހިމް ...

28 Nov 2021 | 09:33

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އަދި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމުގައި ބުނެ ވާހަކަ ދެއްކުން ފަދަ ކުށްތައް މަނާކުރަން ދިވެހިރާއްޖޭގެ ޤާނޫނަށް ގެނައި އިސްލާހު (ނަފްރަތުގެ ބިލް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަަސްދީގު ކުރައްވައިފި އެވެ.

މި ބިލް ތަސްދީޤު ކުރެއްވުމާއި އެކު އަލަށް އެކުލަވައިލެވުނު މި ޤާނޫނުގައި ބުނާ ގޮތުން އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް މުސްލިމަކު ޚިޔާލެއް ފާޅު ނުކުރަނީސް ނުވަތަ އަމަލެއް ނުކުރަނީސް، އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނުމަކީ ކުށެއް ކަމަށް ބަޔާންވެގެން ވެއެވެ.

އެ އިސްލާހުގައި ބަޔާންވެގެންވާ ގޮތުން، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން މާތްﷲ އާއި ރަސޫލާގެ ސުންނަތާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، އެ ކަންކަމާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ކުށެކެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން މުސްލިމަކީ ކާފަރެއް ކަމަށް ބުނުމަކީ ވެސް ކުށެއް ކަމުގައި ބަޔާންވެގެންވެއެވެ. މީގެ އިތުރުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުހިންގާހާ ހިނދަކު، އޭނާއަކީ ކާފަރެއް ނުވަތަ މުރުތައްދުު ވެފައިވާ މީހެއް ކަމަށް ސިފަކުރުމަކީ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. އެފަދަަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމުގައި ބަޔާން ވެގެންވެއެވެ.

އެފަދަ ކަމަކާ ގުޅުވައިގެން މީހަކަށް އަނިިޔާ ދޭން ގޮވައިލުން ނުވަތަ އަނިޔާއެއް ދިނުމަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އަންނާނެ ކުށެއް ކަމަށް ވެސް ބަޔާންވެގެން ވެއެވެ.

ހަމައެހެންމެ، ސިޔާސީ ގޮތުންނާއި ނަސްލީ ގޮތުން މީހަކަށް އަނިޔާއެއް ދޭން ގޮވައިލުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުުގައިވެ އެވެ.

ނަމަވެސް އިސްލާމްދީނުގެ ހުކުމްތަައް ބަޔާންކުރަން ހުރަހެއް ނެތް ކަމަށް އެ އިސްލާހުގައި ބަޔާންވެގެން ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް