ފަސް ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި

ފަސް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. ޖޭއެސްސީން ވަކިވަކިން ކުރައްވާފައިވާ އިއުލާނުތަކެއްގައި އިސް މެޖިސްޓްރޭޓު...

28 Nov 2021 | 07:21

ފަސް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީން ވަކިވަކިން ކުރައްވާފައިވާ އިއުލާނުތަކެއްގައި އިސް މެޖިސްޓްރޭޓުން ހޯދަން ފުރުސަތު ހުޅުވާލާފައިވާ ޖުޑިޝަލް ދާއިރާތަކަކީ ހއ، ށ، ނ، ބ، އަދި ވ. އަތޮޅުގެ ޖުޑިޝަލް ދާއިރާއެވެ.

ޖޭއެސްސީން ވިދާޅުވީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ނެގުމުގައި އަމަލުކުރާނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ މަތިން ކަމުގައި ވިދާޅުވެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ އެ ބޭފުޅަކު ކުރިމަތިލައްވާ ދާއިރާއެއްގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ،  ދާއިރާގެ މެޖިސްޓްރޭޓް ކަމުގެ މަޤާމު އަދާ ކުރާ ފަރާތަކަށް ވާން ޖެހޭނެ ކަމުގައި ޖޭއެސްސީން ވިދާޅުވެފައި ވެއެވެ.

މި މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 23،150 ރުފިޔާ ހަމަޖެހިފައިވެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ އާއި ރިސްކު އެލަވަންސްގެ ގޮތުގައި 800 ރުފިޔާ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ހެލްތް އިންޝުއަރެންސް ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ. ހަމަައެހެންމެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހެއްގެ މައްޗަށް 1،500 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވެއެވެ.

ޖޭއެސްސީން ކުރެއްވި އިއުލާނުގައި ވިދާޅުވީ މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ، އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު ފަހު 1:00 ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް