ކޮވިޑުގެ އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ރާއްޖެއިންވެސް ފިޔަަވަޅުތަކެއް އަޅާފައިވާއިރު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގްގެ ޕްރެސް ކޮންފަރެންސެއް މިއަދަށް ތާވަލުކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން މިއަދު ބުނެފައިވަނީ އެޗްޕީއޭގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގްގެ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު އެކެއް ޖަހާއިރު އޮންނާނެ ކަމަށެވެ. މި ޕްރެސް ކޮންފަރެންސްގައި، އޮމިކްރޯނާއި ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ޑރ. ނަޒްލާ ދެއްވާނެކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
ޑރ. ނަޒްލާ ރަފީގަކީ 2020 ގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރުއްސުރެ ކޮވިޑު ޕްރެސްތަކުގައި ބައިވެރިވަމުން އަންނަ ދިވެހިންނަށް ފަރިތަ މޫނެކެވެ.
ކޮވިޑުގެ އައު ވޭރިއަންޓުގެ ނުރައްކާ ބޮޑުކަމަށް ސައިންސުވެރިން ބުނަމުން އަންނައިރު ގިނަ ގައުމުތަކަކުން އަންނަނީ މި ވޭރިއަންޓް ފެނުނު ކަމުގައި ބެލެވޭ ދެކުނު އެފްރިކާއަަށް ގައުމުތަކުގެ ބޯޑަރު ބަންދުކުރަމުންނެވެ. ރާއްޖެއިންވެސް މިހާރުވަނީ ދެކުނު އެފްރިކާ ހިމެނޭހެން ހަތް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވިދާޅުވީ މި ވޭރިއަންޓަކީ ރާއްޖެއަށްވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ބޫސްޓަރ ޑޯޒް ޖެހުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ.
ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ދެމުން އަންނަނީ 50 އަހަރުން މަތީގެ ފަރާތްތަކަށެވެ. ނަމަވެސް ފްރަންޓްލައިން ބައެއް މުވައްޒަފުންނަށާއި ޓޫރިޒަމް ސެކްޓަރަށް ބޫސްޓަރ ޑޯޒް މި ހަފްތާގައި ދޭން ފަށާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި މި ފެށޭ ޑިސެމްބަރުގައި މުޅި އާބާދީއަށް ބޫސްޓަރ ޑޯޒް ދޭން ފަށާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް