އުތުރާއި މެދުރާއްޖެއަށް މިއަދު މޫސުން ގޯސް، މިހާރުވެސް ހުދު ސަމާލު

މެދުރާއްޖެއަށް މިއަދު މޫސުން ގޯސްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މިއަދުގެ މޫސުން ނިމުތުކޮށްފައިވާއިރު ބުނެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގ...

28 Nov 2021 | 01:18

މެދުރާއްޖެއަށް މިއަދު މޫސުން ގޯސްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދުގެ މޫސުން ނިމުތުކޮށްފައިވާއިރު ބުނެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަަކށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ.

"ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ" މެޓުން ބުނެފައިވެއެވެ.

މެޓުން ބުނެފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖޭގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

"ދެކުނާއި މެދުރައްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ، އަދި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަސް ގަދަވާނެ" މެޓުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ދެކުނާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ދެފޫޓާއި ހަތަރު ފޫޓުގެ އުސްމިނެއްގައި ކަމަށެވެ.

އުތުރާއި މެދަށް މޫސުން ގޯސްވާނެކަމަށް ނިމުތުކޮށްފައިވާއިރު މިވަގުތުވެސް މިވަނީ ހުދު ސަމާލެއް ނެރެފައެވެ.

މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

ފަތިހު 04:00 އިން ފެށިގެން ހެނދުނު 08:00 އާއި ދެމެދުގެ ވަގުތުތަކަށް ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު ސަރަހައްދީ މޫސުމީ އިދާރާ، ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރްސީއެމްސީ)ން ބުނެފައިވާގޮތުގައި އަންޑަމަން ކަނޑުގައި ލޯ ޕްރެޝަރެއް މިއަދު އުފެދުމުގެ ފުރުސަތު އެބައޮތެވެ. މި ލޯ ޕްރެޝަރު އުފެދި އިތުރަށް ބާރުގަދަވެ ކުރިއަށް އޮތް 48 ގަޑިއިރު ހުޅަނގު އުތުރަށް ދަތުރުކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް