ބޭންކް އޮފް މޯލްޑިވްސް އިން މަތީ ތައުލީމާއި ޓްރެއިނިންގ ގެ ފުރުސަތު ފޯރުކޮށްދުނުމަށް މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެވެ.
ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުއައްޒަފުނަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެ އާއި ރާރްޖޭން ބޭރުން ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އެކި ކޮލްޖްތަކާއި ޔުނިވަރސިޓީތަކާއެކު ބަދަހިކުރެވިފައިވާ ގުޅުންތަކުގެ ތެރެއިން އުނގެނުމުގެ ހަރުދަނާ މާހައުލެއް އުފެއްދުމަށާއި ސްޓާފުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރެވެމުން. މިގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގައި ބައިވެރިވުމަކީ އަޅުގަނޑުމެނަށް ލިބޭ ބޮޑު އުފަލެއް."
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތައް އެކުލަވާލައިފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް