ކުރީގެ އަދަދާ ގުޅޭ...
"ހެއި އެންޖެލް" ތިން މީހުން ސިހުނީ ދާދި ކައިރިން ބަރު ފިރިހެން އަޑެއް އިވުމުންނެވެ. ތިން މީހުން އެކީ ފަހަތް ބަލައިލި ވަގުތު ޝައިލާ އަދި އަޝްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވާނުވާގައި ހުރީ ސުމާ އެކަންޏެވެ.
އެދެމީހުން ފެނުމުން ޝައިލާ ފަހަތަށް ވިޔަވަޅެއް އެޅިއެވެ.
"ބިރުގަތީތަ؟" ހިނިގަނޑެއް ޖަހައިލަމުން އިމާދު އަހައިލިއެވެ. ފުސްވެފައިވާ ޝައިލާގެ ދެލޮލަށް އެދެމީހުން ފެންނަނީ ބިރުވެރި އެއްޗެއްގެ ސިފައިގައެވެ.
"ނަޒޭއަށް ހޭއަރުވާލަން އައީ... ދެން މަންޖެ ފެނުނީމަ ވާހަކައެއް ބުނެލަންވެގެން..." ޖީބަށް ދެއަތް ޖަހައިލަމުން ހަމްދާން ބުނެލިއެވެ.
"ބިރުނުގަނެބަލަ ކަމެއްކުރާކަށް ނޫޅެމޭ..." އިމާދު ބުނެލިއެވެ. ޝައިލާ ހުރީ އެހުރި ހިސާބުގައި އެމީހުން ބުނަން އުޅޭ އެއްޗެއް އަޑު އަހާށެވެ. ސުމާ އަދި އަޝްރާ ވެސް ތިބީ މަންޒަރު ބަލަން ހިމޭނުންނެވެ. ސުމާ ބަލަމުން ދިޔައީ ޝައިލާ އަށެވެ. އެހެންހުރެފައި ޝައިލާ ހޭނެތިގެން ވެއްޓިދާނެއޭ ވެސް އޭނާގެ ހިތައް އަރަމުން ދިޔައެވެ. އެންމެ ރެއަކުން މިފަޅާއެރީ ޝައިލާ އަށް ހާޓްއެޓޭކެއް ވެސް އައިސްދާނެ ވަރުގެ ވާހަކަތަކެކެވެ.
"މިވާހަކަ ބުނާކަށް ދުވަހަކުވެސް ބޭނުމެއް ނުވި... އަހަރެމެން ކޯޓުގަވެސް މިވާހަކަ ނުބުނީ ނަޒޭ ސަލާމަތްކުރަން ވެގެން... އެއީ އަހަރެމެންގެ ވަރަށް ގާތް އަދި ވަރަށް ހާއްސަ އެކުވެރިއެއްވީމަ... އެކަމަކު މިއަދު އޭނަ އަކީ ގައްދާރެއް... އަހަރެމެން ވެދިން އެހީތެރިކަމުގެ ބަދަލުގަ އޭނަ އަހަރުންނަށް ދޯކާދީފަ ފިލާ އެއޮންނަނީ..." ހަމްދާންގެ ވާހަކަ ފެށީ ދުރުދުރުންނެވެ. އެއަޑުތައް އިވެމުންދިޔައިރު ޝައިލާގެ ހިތް ދިޔައީ އިންތިހާޔަށް ތެޅެމުންނެވެ. އަނެއްކާ އޭނާގެ ހިތް ހުއްޓެން އުޅެނީ ބާއެވެ؟
"ނުބައި މީހަކާ ރައްޓެހިވެގެން ތިއުޅެނީ... މިތަނުން ދިޔައްޔާ ރަގަޅު ވާނީ... މާލެއިން ވެސް... ރާއްޖެ އިން ވެސް" ދެލޯ ހަނިކޮށްލަމުން އިމާދު ބުނެލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ސުމާ އަދި އަޝްރާ ވެސް ތިބީ އަނގަ ހުޅުވެފައެވެ.
އެއީ ކޮންބައެއްކަން ސުމާއަށް ފަހުމުވެއްޖެ އެވެ. އޭނާ މީގެ އިރުކޮޅެއް ކުރިން ބެލި ފޮޓޯގައި ތިބި ބައެއް މީހުންނާ މިދެމީހުން ވައްތަރުވެއްޖެ އެވެ. ޝައިލާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހުން ހަމަލޮލުން ފެނުމުން ސުމާގެ ލޭ ދިޔައީ ކެކެމުންނެވެ. ސުމާ އެއްޗެއް ބުނަން އުޅުނުވަގުތު އޭނާ ހުއްޓުވީ އަޝްރާ އެވެ. އަޝްރާ ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.
"އިންޒާރެއް މިދިނީ... ނަޒޭއާ ދުރަށްދޭ... އަހަރެމެން އޭނަ ބޭނުން" ޝައިލާ އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިމާދު ބުނެލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކުޑަކުއްޖަކު ވެސް ބިރުން ރޯން ފަށާނެކަން ޔަގީނެވެ.
އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުން ޖީއެން ސައިކަލަކަށް އަރައިގެން ހިނގައްޖެ އެވެ. އެމީހުން ދިއުމުން ހިފަހައްޓައިގެން ތިބި ނޭވާތައް ސުމާ އަދި އަޝްރާ ދޫކުރަން ފަށައިފިއެވެ. އެމީހުން ލޮލުކޮޅަށް ގެއްލުމުން ޝައިލާ އެނބުރި ބަލައިލީ ކުރިމަތިން ފެންނަންހުރި ގެއަށެވެ.
"ޝައި ހިނގާ ދާން... މިކަމާ ވާހަކަ ދައްކާނީ ގެއަށް ގޮސް" ޝައިލާ ކައިރިއަށް ގޮސް އޭނާގެ އަތުގައި ހިފައިލަމުން ސުމާ ބުނެލިއެވެ. ޝައިލާ އެއަތް ފޮޅުވައިލިއެވެ. އޭނާ އެވަނީ ރޯންވެސް އަދި ރުޅި އަންނަންވެސް ނޭންގިފައެވެ. އޭނާގެ ފައިގައި ހީވަނީ ކަސްތޮޅު އެޅިފައިވާހެންނެވެ.
"ޝައި ރިލެކްސް... ބްރީތު" ޝައިލާގެ ބުރަކަށީގައި ފިރުމައިލަމުން އަޝްރާ ބުނެލިއެވެ. ހަގީގަތުގައިވެސް ޝައިލާ އެހުރީ ނޭވާލާން ހަނދާންނެތިފައެވެ.
"ނޫން... ނޫން... ނަޒާން... ނަޒާނެއް ނޫން އެއީ... އެއީ ނަޒާނެއް ނޫން..." ކުއްލިއަކަށް ޝައިލާގެ ދެތުންފަތް ފޫދުއްވާލާފައި ނިކުތް ބަސްތަކުން އެންމެންގެ ހިތް ކުދިކުދި ވެއްޖެ އެވެ. މާޔޫސީ ނަޒަރަކުން ސުމާއަށް ބަލައިލެވުނީ އަޝްރާގެ މޫނަށެވެ.
"ޝައި މަގުމަތީގަ މިތިބީ... ހިނގާ ގެއަށް ގޮސްފަ ވާހަކަދައްކަން..." ޝައިލާގެ އަތުގައި ހިފައިލަމުން އަޝްރާ ބުނެލިއެވެ. ނަމަވެސް ޝައިލާ އެއަތް ފޮޅުވައިލިއެވެ. އޭނާ މިވަގުތު ބޭނުންވަނީ ހަގީގަތް ދެނެގަންނާށެވެ. އޭނާ ބޭނުންވަނީ ނަޒާން އަކީ ހަގީގަތުގައި ކާކުތޯ ބަލާށެވެ. ބަލާން ނުހުރެ ޝައިލާ ކުއްލިއަކަށް ދުއްވައިގަތީ ނަޒާން ދިރިއުޅޭ ގެއާއި ދިމާލަށެވެ. ފަހަތުން ސުމާ އަދި އަޝްރާވެސް ދުއްވައިގަތެވެ.
"ނަޒާން!!! ނަޒާން!!!" އެއީ އަހަރުތަކެއް ފަހުން ހަރުއަޑުން ޝައިލާ މުޚާތަބުކުރި ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ. އެއަޑު މުޅި ގޭތެރޭގައި ގުގުމައިލިއެވެ.
ނަޒާންގެ ޚަބަރެއް ނުވުމުން ޝައިލާ ގޮސް ހުޅުވައިލީ ނަޒާން ދިރިއުޅޭ ކޮޓަރީގެ ދޮރެވެ. އޭރު ހެޑްސެޓް ޖަހައިގެން ނަޒާން އިނީ މޭޒު ދޮށުގައި އެއްޗެއް ކުރަހާށެވެ. ޝައިލާ ދިޔަގޮތަށް ގޮސް ނަޒާން ކުރަހަން އިން ފަންސުރު ދަމައިގަތެވެ. ސިއްސައިގެން ގޮސް ނަޒާން ބަލައިލިއިރު ޝައިލާގެ މޫނު ފެނުމުން އޭނާ ކޮޅަށް ތެދުވިއެވެ.
"ޝައި؟ ކިހިނެއްވީ؟" ޝައިލާގެ ގައިގައި ނަޒާން އަތްލަން އުޅުނު ވަގުތު އޭނާ ފަހަތަށް ޖެހެލިއެވެ. ފަހަތުގައި ތިބި ސުމާ އަދި އަޝްރާ ފެނުމުން ނަޒާންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
"ނަޒާން ޝައިގެ ހަމަ އެންމެ ސުވާލަކަށް ޖަވާބު ދީފާނަންތަ؟" ޝައިލާއަށް އޭރުވެސް ދިޔައީ ގިސްލެވެމުންނެވެ. އޭނާ އެސުވާލު ނަޒާން ކައިރީ އަހާކަށް ބޭނުމެއްވެސް ނޫނެވެ. އެޝައްކު ކުރާކަށް ބޭނުމެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް އޭނާ ނަޒާނަށް އިތުބާރު ކުރެއެވެ. އިންތިހާޔަށް ލޯބިވެއެވެ. އެރެއަށްފަހު ފިރިހެނުން މަތިން ފޫހިވިނަމަވެސް އަލުން މީހަކު ދެކެ ލޯބިވާން ދަސްކޮށްދިނީ ނަޒާނެވެ. އަލުން ދިރިއުޅެން ދަސްކޮށްދިނީ ނަޒާނެވެ. އަލުން ހިނިތުންވާން ވެސް ދަސްކޮށްދިނީ ނަޒާނެވެ. ނަމަވެސް ހުރިހާ ކަމެއް އެއްރެއިން މިވަނީ އެފުށް މިފުށަށް ޖެހިފައެވެ.
"ޝައި ކިހިނެއްތަވީ؟" ނަޒާން އަނެއްކާވެސް ޝައިލާ ގައިގައި އަތްލަން މަސައްކަތް ކުރިއެވެ. މިފަހަރު ވެސް ޝައިލާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
"މީގެ ފަސް އަހަރު ކުރިން..." ޝައިލާ އެހިސާބަށް ބުނިއިރަށް ނަޒާންގެ މޭގަނޑު ތެޅެން ފަށައިފިއެވެ. އެވަގުތު ހީވީ މުޅި ހަޑިގަނޑުތެރޭ ހުރި ހުރިހާ ގުނަވަނެއް ހަނގުރާމަ ކުރަން ފެށިހެންނެވެ.
"އަހަރެން ރޭޕްކުރި މީހުންގެ ތެރެއިން ހަތަރުވަނަ މީހަކީ ނަޒާންތަ؟" އެސުވާލުކުރިއިރު ޝައިލާގެ އަޑު ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނާގެ ނޭވާ ކުރުވާހެން ހީވިއެވެ. މުޅި މީހާ ގައިން ވަނީ ދާހިއްލާފައެވެ. ދެލޯ ކައިރި ވަނީ ދުޅަވެފައެވެ. މޫނުމައްޗަށް ވަނީ ރަތްކުލަ އަރާފައެވެ. ފަހަތުގައި ތިބި ސުމާ އަދި އަޝްރާ ވެސް އިންތިޒާރު ކުރަމުން ދިޔައީ ނަޒާން ދޭނެ ޖަވާބަކަށެވެ.
"ކާކު އެއްޗެކޭ...." "އާނ އެކޭ ނުވަތަ ނޫނެކޭ" ނަޒާން ބުނަން އުޅުނު ޖުމްލަ ހުއްޓުވީ ޝައިލާގެ އަޑުންނެވެ.
އެއަޑުގައި އެކުލެވިގެންވި ނަފްރަތު ނަޒާންގެ ހިތުންގެ އެންމެ ފުންމިނަށް އިހުސާސުވެއްޖެ އެވެ. ދެން ސަލާމަތެއް ނުވެވޭނެއެވެ. އޭނާގެ އެންމެ ބޮޑު ސިއްރު މިވަނީ އެންމެ ލޯބިވާ ކުއްޖާގެ ކުރިމަތީގައި ބޭޒާރުވެފައެވެ. ޝައިލާ އަޑުހަރުކޮށް އެއްޗެއް ބުނާއަޑު ނަޒާން ދުވަހަކުވެސް މިނޫނީ އަހާފައެއް ނުވެއެވެ.
"އާނ..." ނަޒާންގެ އަޑު އައީ މަޑުންނެވެ. ނަމަވެސް އެއަޑު އެންމެންގެ ކަންފަތަށް ފޯރިއެވެ. ޝައިލާގެ ހިތް ފަޅައިގެން ހިނގައްޖެއެވެ. ވަގުތުން އޭނާ ހުރިތަނަށް ތިރިވާން ފަށައިފިއެވެ. ސުމާ އަދި އަޝްރާ ދުވެލާފައި އައިސް ޝައިލާގެ ގައިގައި ހިފެހެއްޓި އެވެ. ނަޒާން ހުރީ ފިޔަވަޅެއް އަޅަންވެސް ނުކެރިފައެވެ. ޝައިލާ ދިޔައީ އަޑުން އަޑުނަގައި ރޮމުންނެވެ. އެރޭގެ އެހާދިސާއަށްފަހު ދެރަނުވާވަރަށް މިރޭ ދެރަވެއްޖެ އެވެ.
"ނަޒާނަށް އެނގޭދޯ އަހަރެން މީ ކާކުކަން މާކުރިން ވެސް؟ ނަޒާން ކީއްވެ އަހަންނަށް އޮޅުވާލީ؟" ރުއިމުގެ ތެރެއިން ޝައިލާ އަހައިލިއެވެ. އޭނާ މިހާރު ކޮޅަށް އެހުރީ ސުމާ އަދި އަޝްރާގެ ބާރުގައެވެ. އެމީހުން ވެސް އެތިބީ ހިތް ހަލާކުވެފައެވެ.
"ޝައި ވަރަށް ބޮޑަށް ސޮރީ... ޒާން އަކަށް ނޭންގެ ތީ އެކުއްޖާ ކަމެއް އައި ޕްރޮމިސް... އެނގުންނަމަ ދުވަހަކުވެސް ކައިރި ނުވާނަން... ޒާންއަށް ތީ އެކުއްޖާކަން އެނގުނީ ދުރުނުވެވޭ ވަރަށް ލޯބިވެވުނު ފަހުން... އެކެވެލިކޮޅު... އެއީ ޝައިގެ އެއްޗެކޭ ބުނި ހިސާބުން... އެކެވެލިކޮޅު ޒާން ހޮވީ އެރޭ އެއިމާރާތުން ނިކުމެގެން ދަމުން" ނަޒާންގެ އަޑު ވަނީ ކުރަކިވެފައެވެ. އޭނާ ކިތަންމެ ވަރަކަށް ކިޔައިދޭން މަސައްކަތްކުރި ނަމަވެސް ޝައިލާ ގަބޫލު ނުކުރާނެކަން ޔަގީނެވެ. ނަމަވެސް އޭނާގެ ދިފާއުގައި ނަޒާން ވާހަކަ ދައްކަން ބޭނުމެވެ. ޝައިލާ އަކީ މިހާރު އޭނާ ދުނިޔޭގައި ހުރި ހަމައެކަނި ސަބަބެވެ.
ޝައިލާ ހުރީ ނަޒާންގެ މޫނަށް ބަލަން ހުއްޓިފައެވެ. އޭނާ ގިސްލަމުންދިޔަ އަޑު މުޅި ކޮޓަރިތެރޭ ވަނީ ގުގުމާލައިފައެވެ.
"ޝައި އަހަންނަށް މައާފް ކުރޭ" ޝައިލާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ.
"ނަޒާން އަށް ހީވޭތަ ތިހާ ފަސޭހައިން މައާފް ކުރެވޭނެހެން؟ ކަލޭމެން އެންމެން ވެގެން ތިނަގައިލީ އޭނާގެ މުޅި ދިރިއުޅުމޭ... އޭނަގެ ހަޔާތުން ކިތައް އަހަރުކަން އެނގޭތަ އެކަމަކާހުރެ ގެއްލިގެން ދިޔައީ؟ އަނގައިން ބުނެލަން ވަރަށް ފަސޭހަވާނެ... ނަޒާނަށް ވަރަށް ރީއްޗަށް ފެންނާނެ ޝައިލާގެ ހާލު... އޭނާ އެކަމުން އަރައިގަތީ ނަޒާންގެ އެހީތެރިކަމާއެކު... އަހަރެމެން އެންމެންނަށް ފައިނަލީ ކުރީގެ ޝައި ލިބުންއިރަށް ތިގޮއްވާލީ ބޮމެއްނު... ކަލޭ ނުވާނެ ޝައިއާ ވައިވެސް އެޅިގެންނެއް... މުޑުދާރު މީހާ... ކަލޭ ކީއްވެތަ ޖަލަށް ނުދިޔައީ؟ ފިނިޑިކަމުން ފިލައިގެން ދިޔައީ!!" ސުމާ ހަރުއަޑުން ހަޅެއްލަވަމުން ދިޔައެވެ. އޭނާގެ ދެލޯ ވަނީ ރަތް ވެފައެވެ. ސުމާ ބޭނުންވީ އެވަގުތު ނަޒާންގެ ކަރުގައި ހިފާށެވެ. ނަމަވެސް ފަހަތުން އަޝްރާ އައިސް އޭނާގެ ކޮނޑުގައި ހިފައިލިއެވެ.
ކުއްލިއަކަށް ޝައިލާ ބޭރަށް ދުއްވައިގަތެވެ. ޝައިލާގެ ފަހަތުން އަޝްރާ ވެސް ބޭރަށް ހިނގައްޖެ އެވެ.
"މީ އަހަންނަށް ހެދުނު ގޯހެއް... ދެވަނަ ފަހަރަށް ޝައިލާގެ ދިރިއުޅުން ހަލާކު މިކޮށްލެވުނީ އަހަރެންނަށް... މީގެ ފަހުން ޝައިލާ ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ... ހީކޮށްލާ އޭނާ ދިރިހުއްޓާ މަރާލެވުނީއޭ... ނަޒާންގެ ދެއަތުން... ކަލެއަށް ދުވަހަކުވެސް އުފަލެއް ނުލިބުމަށް އަހަރެން ދުޢާ ކުރާނަން..." ނަޒާން އާއި ހަތަރު ކަޅި ހަމަކޮށްލަމުން ސުމާ ބުނެލިއެވެ. އަދި ވައިރޯޅިއެއްހާ އަވަހަށް އެކޮޓަރިން ނިކުމެގެން ހިނގައްޖެ އެވެ.
މިއީ ހުވަފެނެއް ހެއްޔެވެ؟ މިއީ ހަގީގަތެއް ނޫނެވެ. ޔަގީނުންވެސް މިއީ ހުވަފެނެކެވެ. އޭނާ ބޭނުންވީ މިބިރުވެރި ހުވަފެނުން ހޭލާށެވެ. މުޅި ތަން އެނބުރެން ފަށައިފިއެވެ. މީހާ ހުރިގޮތަށް ތިރިވެއްޖެ އެވެ. ނަޒާން އިނީ ރޯން ވެސް ނޭންގިފައެވެ. މިދުވަސް އައުމުގެ ކުރިން އޭނާ މަރުނުވީ ކީއްވެގެން ހެއްޔެވެ؟
"ޝައިލާ!!!" އޭނާގެ ބަރު އަޑުން ގޮވައިލިއެވެ. އެއަށްފަހު ބާރުބާރަށް ރޯން ފެށިއެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައީ ކޯރެއް ފަދައިންނެވެ. މުޅި މީހާ އެވަނީ ފިނިވެފައެވެ. ހިތް ކުދިކުދި ވެއްޖެ އެވެ. ޝައިލާ އޭނާއަށް ގެއްލިއްޖެކަން ހަނދުމަވުމުން އިތުރަށް ރޮވެން ފަށައިފި އެވެ. އަނގައިން ނިކުންނަމުން ދިޔަ ބާރު އަޑު އެހަތަރު ފާރުގެ ތެރޭގައި އެވަނީ ހަރުލާފައެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް