ރިސޯޓުތަކާއި ރައްޔިތުން ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ބައްދަލުވުންތަކެއް އަތޮޅުތަކުގައި ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
އަތޮޅު ތެރޭގައި ބާއްވަން ނިންމާފައިވާ ސިމްޕޯޒިއަމްއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލުތަކުން ކަންބޮޑުވުންތަކެއް ލިބެމުން ގޮސްފައިވާތީ އެ ދަތުރުގައި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ސިމްޕޯޒިއަމް ފުރަތަމަ ބާއްވަނީ ނ. ރ. އަދި ޅ. އަތޮޅުގައެވެ.
އެ ސިމްޕޯޒިއަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް