މިއަހަރުގެ 3 ވަނަ ކްއާޓަރގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް ޢާންމުކޮށްފައިވާ އިރު، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުން ކަމަށް ވަނީ ބުނެފަ އެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައިނުވުމާއިއެކު ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގަ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތަ ދަށްވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.
އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެސްޓީއޯގެ ހިންގުމުގެ ޚަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަަލާއިރު 5 އިންސައްތަ ދަށްކުރެވިފައިވާކަން ވެސް އެސްޓީއޯ އިން ވަނީ ފާހަގަކޮށްފަ އެވެ.
"ފައިނޭންސް ކުރުމުގެ ޚަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސްތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮަސްޓްގެ ގޮތުގައި ވަނީ 6 މިލިއަން ރުފިޔާ ލިބިިފަ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި ތިންވަނަ ކުއާޓަރ ގައިވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ." އެސްޓީއޯ އިން ބުނެފައި ވެއެވެ.
އެ ކުްނފުނިން ބުނީ މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަރގައި އެކައުންޓް ކުރުމެވެ.
ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓަރގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއް ކަަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، އެސްޓީއޯ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން މިނަތީޖާ ހާސިލްކުރުމަށްޓަކައި ކޮވިޑް ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި މިންނެތް މަސައްކަތަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް