ކްރިކެޓު މެޗުގައި ޕާކިސްތާނަށް ސަޕޯޓު ކުރުމުން އިންޑިއާ މުސްލިމުންތަކެއް ހައްޔަރު ކޮށްފި

މި ހަފްތާގައި ނިމުނު ޓީ20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު ކުރިޔަށް ދިޔަ ގަޑީގައި ޕާކިސްތާނަށް ތާއީދުކޮށް ސަފޯޓު ކުރި އިންޑިއާ މުސްލިމުންތަކެއް ހައްޔަރުކޮށްފި އެވެ. މިކަން ހިނގާފައިވަނީ އި...

28 Oct 2021 | 16:10

މި ހަފްތާގައި ނިމުނު ޓީ20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު ކުރިޔަށް ދިޔަ ގަޑީގައި ޕާކިސްތާނަށް ތާއީދުކޮށް ސަފޯޓު ކުރި އިންޑިއާ މުސްލިމުންތަކެއް ހައްޔަރުކޮށްފި އެވެ.

މިކަން ހިނގާފައިވަނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އާގްރާ ސިޓީގައި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އެ ސިޓީގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ކަޝްމީރު ދަރިވަރުންތަކެކެވެ.

އާގްރާ ފުލުހުންނާއި ހަވާލީ ރިޕޯޓުތައް ބުނާގޮތުގައި އެ ތިން ދަރިވަރުން ހައްޔަރު ކުރީ އިދިދޮޅު ޕްރޮމޯޓު ކުރުމާއި ސައިބާ ޓެރަރިޒަމްގެ ކުށުގައި އެވެ. އެއީ މެޗު ކުރިޔަށް ދިޔަ ގަޑީގައި އިންޑިއާ އާއި ދެކޮޅު ބަސްތަކާއި ހަރަކާތްތައް ހިންގައި ޕާކިސްތާނަށް ތާއީދު ކުރުމުގެ ހަރަކާތްތައް ހިންގާފައިވާތީ އެވެ.

މި މައްސަލައިގަ އެދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދިޔަ ކޮލެޖުންވެސް ވަނީ ސަސްޕެންޑު ކޮށްފައި އެވެ. ފުލުހުން ބުނީ އެ ދަރިވަރުން ހައްޔަރު ކުރީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މެމްބަރުންތަކެއް ފުލުހަށް ޝަކުވާ ހުށަހެޅުމުންކަމަށެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުން މަސައްކަތް ކުރީ ހަމަޖެހުން ނަގާލައި ގައުމުގައި ކަންބޮޑުވުންތައް އިތުރު ކުރުމަށް ކަމަށެވެ.

ޓީ20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގައި ޕާކިސްތާނުން އިންޑިއާ ބަލި ކުރީ 10 ވިކެޓުންނެވެ. އަބަދުވެސް ގުޅުން ގޯސް ޕާކިސްތާނާއި އިންޑިއާގެ ހަމަޖެހުމަށް މިގޮތަށް ބާއްވާ ކްރިކެޓު މުބާރާތްތަކުންވެސް އަސަރު ކުރެ އެވެ.

އިންޑިއާ މުބާރާތުން ބަލިވުމުން އެގައުމުގެ ރައްޔިތުން އެކަމުގެ ޒިންމާ އެޅުވީ އިންޑިއާ ޓީމުގައި ހުންނަ ހަމައެކަނި މުސްލިމް ކުޅުންތެރިޔާ މުހައްމަދު ސާމީގެ ބޮލުގައި އެވެ. އިންޑިއާއިން ވަނީ އޭނާ ގަސްތުގައި ޕާކިސްތާނަށް މެޗު ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކޮޅު ކެމްޕެއިންތައްކޮށް ފުރައްސާރަ ކޮށްފަ އެވެ.

އާގްރާ ހާދިސާގެ އިތުރުން ރާޖިސްތާނުގެ ސްކޫލެއްގެ އަންހެން ޓީޗަރަކު ޕާކިސްތާނަށް ތާއީދު ކުރުމުން ވަޒިފާއިން ކަނޑާލާފައިވާއިރު ފަހުން އޭނާވެސް ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރުން ޕަންޖާބް ސްޓޭޓްގައިވެސް ކަޝްމީރަށް ނިސްބަތްވާ ދަރިވަރުންތަކަކަށް ވަނީ ހަމަލާދީފަ އެވެ.

ޖަންމޫ ކަޝްމީރުގައިވެސް މެޑިކަލް ކޮލެޖެއް މުވައްޒަފުންނާއި ދަރިވަރުންނަށް ޕާކިސްތާނަށް ސަފޯޓު ކުރުމުން ފިޔަވަޅު އަޅާފައިވެ އެވެ. ކަޝްމީރުގައި ޕާކިސްތާނަށް ސަޕޯޓުކޮށްގެން ފިޔަވަޅު އެޅި ނަމަވެސް މެޗުން ޕާކިސްތާނު މޮޅުވުމުން އިންޑިއާ ފަޅީގައި އުފާ ފާޅުކޮށް ބޮޑެތި ހިނގާލުންތައް ބާއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް