ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތް ނިމިއްޖެ - ފެންމުތުގެ ޝަރަފް ހަމްނާ އާއި ޢާން އަށް

ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތުގެ "ފެންމުތުގެ" ޝަރަފް މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހުމަދު ހޯދައިފި އެވެ. މި މުބާރާތް ބާއްވާފައިވަނީ މިމަހުގެ 22 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ...

28 Oct 2021 | 14:55

ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތުގެ "ފެންމުތުގެ" ޝަރަފް މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހުމަދު ހޯދައިފި އެވެ.

މި މުބާރާތް ބާއްވާފައިވަނީ މިމަހުގެ 22 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގަ އެވެ.

2019 ވަނަ އަހަރުން ފެށިގެން އެސޯސިއޭޝަނުން ބޭއްވި ހުރިހާ މުބާރާތްތަކާއި ޓްރަޔަލްތަކުގައި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފެތުންތެރިންނަށް ބޭއްވި މި މުބާރާތުގެ ފެންމުތުގެ ޝަރަފަކީ މުބާރާތުގެ އެކިއެކި އިވެންޓްތަކަށް ބަލައި އެންމެ ރަނގަޅު ނަތީޖާތައް ހޯދި އެތުލީޓުންނަށް ދިން ޚާއްސަ ޝަރަފެކެވެ.

ހުޅުމާލޭ ސްވިމިން ޕޫލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ދެ އެތުލީޓުންނަށް ޝަރަފު ހަވާލު ކޮށްދެއްވީ ކުރީގެ ކުޅިވަރު ޝަޚްސިއްޔަތު ސައްޔިދު އަލީ އެވެ.

މި މުބާރާތުގައި ހަމްނާ ވަނީ 13 އިވެންޓުގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. ހަމްނާ އަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓްގަ އެވެ. މި އިވެންޓްގައި ހަމްނާ ވަނީ ޑިސްކޮލިފައިވެފަ އެވެ.

އާން،  15 އިވެންޓްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދާފައިވާ އިރު، އާން އަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަރފްލައި އިވެންޓުން ނެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ސްވިމިންގ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

ހަމްނާ އާއި އާން އަކީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ހަތަރު ފެތުންތެރިންގެ ތެރެއިން ދެ ފެތުންތެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް