އިންނަމާދޫގެ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އިފްތިތާޙްކޮށްފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސްސީ) އިން ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު އިފްތިތާޙުކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން އެ...

28 Oct 2021 | 14:18

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސްސީ) އިން ރ. އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު އިފްތިތާޙުކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމު ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފެނުގެ ނިޒާމް ޤާއިމު ކުރުމަށް ބޭނުންްްްވާ ހޮޅިއާއި އެހެނިހެން ތަކެތި އިންނަމާދޫ އަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ. ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގ ގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މި ރަސްމިއްޔާތު އިފްތިތާޙް ކޮށް ދެއްވާފައި ވަނީ އެމް.ޑަބްލިޔު.އެސްސީގެ ޗެއަރމަން އަހުމަދު މައުސޫމު އާއި، މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒުމީން އެވެ.

މީގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 50.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް