ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލައިފި، ގެއަށް ދެވޭވަރު ވާނީ އަދި މާދަމާ!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރިތާ 26 ދުވަސް ފަހުން ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ދޫކޮށްލަން ބޮމްބޭ ހައިކޯޓުން އަމުރު ކޮށްފި އެވެ. އޭނާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ. ...

28 Oct 2021 | 13:52

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރިތާ 26 ދުވަސް ފަހުން ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ދޫކޮށްލަން ބޮމްބޭ ހައިކޯޓުން އަމުރު ކޮށްފި އެވެ.

އޭނާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ. އިތުރު އެކުވެރިން ތަކަކާއި އެކު އާރްޔަން ހައްޔަރު ކުރި މިމަހުގެ ތިން ވަނަ ދުވަހު ކްރޫޒް ލައިނާއެއްގައި އޮތް ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބުނެ އެވެ.

އެކަމަކު އާރްޔަން މަސްތުވާތަކެއްޗަށް އެ ދުވަހު ޕޮސިޓިވްވެފައި ނުވާއިރު އޭނާ އަތުން މަސްތުވާތަކެތި ފެނިފައެއް ނުވެ އެވެ.

މި މައްސަލައިގަ ދަށު ކޯޓުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަކާލާތު ކުރީ ހައްޔަރު ކުރި އެހެން ބައެއް މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާތީ އާރްޔަން އެ މައްސަލައިގަ ހިމެނޭނެ ކަމަށެވެ. އަދި އެ ވަގުތު މަސްތުވާތަކެތި ނުފެނުނަސް އޭނާގެ ވަޓްސްއެޕް ޗެޓުލޮގުތަކުން އާރްޔަން މަސްތުވާތަކެތި ހޯދަށް ކޮށްފައިވާ މުއާމަލާތައް ފެނިފައިވާތީ އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަން އެނގިފައިވާ ކަމަށެވެ.

އަދި އެންސީބީގެ އޮފިސަރުން ވަނީ އާރްޔަން މެދުވެރިކޮށް ބައިނަލްއަގުވާމީ ޑްރަގް ނެޓުވޯކެއް ފަޅާ އަރުވާލެވިދާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގަ ތިން ފަހަރެއްގެ މަތިން ދަށު ކޯޓުން ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލަން ދެކޮޅު ހެދުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ހައި ކޯޓުން އާރްޔަން ދޫކޮށްލީ ތިން ދުވަހު އަޑުއެހުންތައް ބޭއްވުމަށް ފަހު އެވެ. އެކަމަކު އޭނާ ދޫކޮށްލިކަމުގެ ލިޔުންތައްް ޖަލަށް ފޮނުވޭނީ މިރޭގެ ވަގުތެއްގައި ކަމަށްވާތީ އާރްޔަން ކޯޓުން ނެރެގެން ގެންދިޔައީ ޖަލަށެވެ.

ލަފާ ކުރާގޮތުގައި އާރްޔަންއަށް ގެއަށް ދެވޭނީ މާދަމާގެ ވަގުތެއްގައި އެވެ.

އާރްޔަން އާއެކު އޭނާގެ އެކުވެރިންވެސް ދޫކޮށްލާފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް