ކެއަރ ސޮސައިޓީން ހިންގާ 'ފިންކް ރިބަން ރަން-ވޯކް' އަށް ބީއެމްއެލް އިން އެހީތެރިވަނީ

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ 'ފިންކް ރިބަން ރަން-ވޯކް'...

28 Oct 2021 | 11:40

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމްކޮށްގެން ހިންގާ 'ފިންކް ރިބަން ރަން-ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ.

މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރާ މަސައްކަތުގައި ހަވަނަ އަހަރު ވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ސީއެސްއެމް އިން ހިންގާ ވަރޗުއަލް އިވެންޓަކީ ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް ކަމަށެވެ.

މީގެ އިތުރުން ޓިމް ސޯޔަރ ވަނީ މި ހަރަކާތުގެ އެންމެހާ ބައިވެރިންނަށް މަރުހަބާ ދަންނަވާފަ އެވެ.

މި ޕާރޓްނަރޝިޕް ގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފަ އެވެ. އަދި ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ސެޝަންތަކެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުން ނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް