ބަޣާވާތާއި ގުޅިގެން ވޯލްޑް ބޭންކުން ސޫދާނަށް އެހީ ދިނުން ވަގުތީގޮތުން ހުއްޓާލައިފި

އަސްކަރީއާއިން ބަޣާވާތް ކޮށް ސޫދާންގެ ވެރިކަން ވައްޓާލުމުން ވޯލްޑް ބޭންކުން އެގައުމަށް އެހީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. ސޫދާންގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރާއި މިނިސްޓަރުންތަކެއް ހައްޔަރުކ...

28 Oct 2021 | 10:50

އަސްކަރީއާއިން ބަޣާވާތް ކޮށް ސޫދާންގެ ވެރިކަން ވައްޓާލުމުން ވޯލްޑް ބޭންކުން އެގައުމަށް އެހީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ސޫދާންގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރާއި މިނިސްޓަރުންތަކެއް ހައްޔަރުކޮށް ސިފައިންގެ ވެރިޔާ އެގައުމުގެ ވެރިކަމަށް އިސް ކުރިކަން އިއުލާނު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އަސްކަރިއްޔާއިން ބުނީ ބަޣާވާތް ނުކުރާ ކަމަށާއި ވަރަށް އަވަހަށް ސޫދާނަށް ބޮޑުވަޒީރަކު އައްޔަން ކުރާނެ ކަމަށެވެ.

ހިލޭ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ސޫދާނަށް ދެމުން އައި އެހީތައް ވޯލްޑް ބޭންކުން ހުއްޓާލީ ރައްޔިތުންގެ ވެރިކަމެއް ސިފައިން ނުކުމެ ވައްޓާލުމުންނެވެ. ވޯލްޑް ބޭންކުން ދަނީ އަވަހަށް އެހީތެރިކަން ބޭނުންވާ ނަމަ ސަރުކާރުގެ ވެރިކަންނާއި ވެރިކަން ހަވާލު ކުރުމަށް އަސްކަރިއްޔާގެ ވެރިންނަށް ޑިމާންޑުކޮށްފަ އެވެ.

ވޯލްޑް ބޭންކުގެ އިތުރުން އެފްރިކަން ޔޫނިއަނުންވެސް ވަނީ ސޫދާނަށް ދެމުންދިޔަ އެހީތައް ދިނުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި އެ ޔޫނިއަންއިން ސޫދާން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ސޫދާނަށް ލިބެމުން ދިޔަ އެހީތައް ގޮއްލިގޮތަށް ހުއްޓުމުން އެ ގައުމުގެ އިގްތިސޯދަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.

މީގެ ދެ އަހަރު ކުރިން ސޫދާންގައި ވަގުތީ ސަރުކާރެއް އެކުލަވާލީ ޑިމޮކްރަސީއަށް މިސްރާބު ޖެހުމަށެވެ. ސިފައިން އަސްކަރީ ބަޣާވާތެއް ގެނައި އިރު އަންނަ އަހަރު އިންތިހާބު ބާއްވަން ދިޔައީ ތައްޔާރުވަމުންނެވެ.

ސޫދާންގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

އެކަމަކު ރައްޔިތުންދަނީ ސިފައިންނާއި ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުގައި އިސްކޮށް އުޅެނީ ސޫދާންގެ އިދިކޮޅު ޕާޓީތަކާއި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތް މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް