ފަނޑިޔާރުންގެ އޯޑިއޯ މައްސަލައިގަ އިދިކޮޅުން އަނެއްކާވެސް ފުލުހަށް ދަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީލޯންޑަރިންގެ މައްސަލައިގަ ހުކުމްކުރި ފަނޑިޔާރުން ވާހަކަ ދައްކާ އޯޑިއޯ ކަމަށް ބުނާ އަޑުގެ ހަޤީޤަތް ހޯދަން ކުރިޔަށް ގެންދާ ތަހުޤީގު ލަސްވެގެން އިދިކޮޮޅުން އަނެއްކާވެސް...

28 Oct 2021 | 09:49

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީލޯންޑަރިންގެ މައްސަލައިގަ ހުކުމްކުރި ފަނޑިޔާރުން ވާހަކަ ދައްކާ އޯޑިއޯ ކަމަށް ބުނާ އަޑުގެ ހަޤީޤަތް ހޯދަން ކުރިޔަށް ގެންދާ ތަހުޤީގު ލަސްވެގެން އިދިކޮޮޅުން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ދާން ނިންމައިފި އެވެ.

ލީކުވެގެން އުޅެނީ ކްރިމިނަލް ކޯޓުގެ ފަނޑިޔަރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަަނޑިޔާރުން ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯ ރެކޯޑިންގް ތަކެކެވެ. މި ތިން ފަނޑިޔާރުން އެއީ އެބޭފުޅުންގެ އޯޑިއޯއެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގަ ފުލުހުން ވަނީ އޯޑިއޯ އެނަލައިޒް ކުރަން އަމިއްލަ ފަރާތަކާއި ހަވާލުކޮށްފަ އެވެ. އެ ތަހުގީގު ލަސްވާތީ މިމަހުގެ14 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ވެރިން ފުލުހުންނާއި ބައްދަލު ކުރުމުން ބުނެފައިވަނީ10 ދުވަސް ތެރޭގައި ނަތީޖާއެއްލިބޭނެ ކަމަށެވެ.

އެކަމަކު އެމުއްދަތު ފާއިތުވިއިރުވެސް ފުލުހުން އެއްޗެއް ހާމަ ނުކުރުމުން އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހުންނާއި ބައްދަލު ކުރުމަށް ނިންމާފަ އެވެ.

"ދުވަސް"އަށް މައުލޫމާތުދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ހޯދަން ދާން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ޕީޕީއެމްގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިމުމާއި އެކު އޯޑިއޯގެ ތަހުގީގު ގޮސް އޮތް ހިސާބެއް ބެލުމަށް ފުލުހުންނާއި ބައްދަލު ކުރަން ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް