އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑް އަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ މިފަހަރުގެ ސީޒަނަށް ފަހު އަންނަ ހޫނު މޫސުމުގެ ތްރާންސްފާގައި ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ.
ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މިފަހަރުގެ ސީޒަނަށް ފަހުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ވަނީ ނިންމާފައެވެ. އަދި ދެން އިތުރަށް ޔުަނައިޓެޑްގެ އެއްބަސްވުން ޕޮގްބާ އާ ނުކުރާނެ ކަމަށް ވެސް ރިޕޯޓް ތަކުގައި ބުނެފައިވެއެވެ.
ޕޮގްބާގެ އެއްބަސްވުން އާކުރަން މީގެ ކުރިން ޔުނައިޓެޑުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ޕޮގްބާގެ އެއްބަސްވުން އާކުރުމުގެ ވާހަކަތައް ޔުނައިޓެޑުން މަޑު ޖައްސާލާފައިވާ ކަމަށާއި މިހާރުގެ ހާލަތައް ބަލާއިރު، އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. މިފަހަރުގެ ސީޒަނަށް ފަހު ޔުނައިޓެޑުންް ޕޮގްބާ ދޫކޮށްލާނެ ކަމަށް މިހާރު ބެލެވޭއިރު، އަންނަ ސީޒަނުގައި އޭނާގެ ބަދަލުގައި މިޑްފީލްޑް ވަރުގަދަ ކުރުމުގެ ޕްލޭންތަކެއް ވެސް ޔުނައިޓެޑުން ހަދަމުންކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޕޮގްބާ އަކީ އަދިވެސް ޔުނައިޓެޑުން ބަހައްޓަން ބޭނުން ވާ ކުޅުންތެރިއް ކަމަށާއި އޭނާ އަކީ ޔުނައިޓެޑް ގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ ވެސް ހިތްހަމަ ޖެހޭ ކުޅުންތެރި އެއް ކަމަށް ވެސް ބުނެފައިވެއެވެ.
ޕޮގްބާ ހޯދުމަށް ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި ޕީއެސްޖީން މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މިވަގުތު އެއްވެސް ޓީމަކުން ޕޮގްބާ ގެންދިއުމަށް އެއްވެސް ގޮތަކަށް މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ 0-5 ގެ ނަތީޖާއިން ބަލިވި މެޗު ވެސް ޕޮގްބާ ފަށާފައިވަނީ ބެންޗުންނެވެ. އެގޮތުން އޭނާ އެ މެޗުގައި ކުޅެން އަރާފައި ވަނީ ފަހު ހާފުގައެވެ. ފަހު ހާފުގައި ކުޅެން އަރާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނުރައްކާތެރި ކުޅުމެއް ކުޅެ ހޯދި ރަތް ކާޑުގެ ސަބަބުން އޭނާއަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން ޔުނައިޓެޑްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑުން ކަމުގައިވާ ޕައުލް ސްކޯލްސްގެ އިތުރުން މައިކަލް އޮވެން އަދި ގެރީ ނެވިލް ވެސް ވަނީ ޕޮގްބާއަށް ވަރަށް ބޮޑަށް ފާޑުކިޔާ އެ މެޗުން ޓީމު ބަލިވުމުގެ ޒިންމާ ވެސް އޭނާގެ ބޮލުގައި އަޅުވާ ވާހަކަ ދައްކާފައެވެ.
މިހާރު ކުރިޔައްދާ ސީޒަނަށް ފަހު ޕޮގްބާ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، މިހާރުގެ ހާލަތައް ބަލާއިރު، ޕޮގްބާގެ އެއް ބަސްވުން ޔުނައިޓެޑުން އިތުރަށް އާ ކުރާނެ ކަމާއި މެދު ވަނީ ދުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް