ބޮލީވުޑްގައި މިއަހަރު ކުރިޔަށް އޮތް އެންމެ ވަރުގަދަ ކައިވެނި ކަމަށް ބެލެވެނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ.
މިދިޔަ އަހަރު ކުރަން އޮތް ކައިވެނި ފަސްކުރީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބަލިވެ އުޅޭތީ އެވެ. ފަހުން ކައިވެނި ލަސްކުރީ ކެންސަރު ބަލީގައި ރިޝީ މަރުވުމުން އެކަމުގެ ހިތާމައިގަ އެވެ.
އޭގެ ފަހުން މިއަހަރު ފެށުނީންސުުރެ އަޑު އިވެމުން ދިޔައީ މިއަހަރު ފަހުކޮޅު އެ ކައިވެނި އޮންނާނެ ވާހަކަ އެވެ. މިހާރު އެކަން ވަނީ ޔަގީނާ ގާތް ވެފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޑިސެމްބަރު މަހު ކައިވެނި ކުރަން ހަމަޖެހިފައިވާތީ ދެމީހުން ވަނީ ފިލްމީ އެއްވެސް މަސައްކަތެއް އެ މަހު ނުކޮށް ކައިވެންޏަށް ހާއްސަކުރާ ގޮތަށް ނިންމާފަ އެވެ. އެހެންވެ ދެމީހުން ސޮއިކޮށްފަ ހުރި ފިލްމުތަކާއި އެހެން މަސައްކަތްތަކުގެ ޝެޑިއުލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ރަންބީރު ލީޑް ރޯލުން ފެނިގެންދާ ފިލްމު" އެނިމަލް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހު އެވެ. އެކަމަކު އޭނާ ވަނީ ޕްރޮޑަކްޝަން ޓީމާއި ވާހަކަ ދައްކައިގެން އަންނަ އަހަރު ކުރީ ކޮޅަށް އެ ފިލްމުގެ ޝޫޓިން ފެށުން ފަސްކޮށްފަ އެވެ.
އާލިއާގެ ފިލްމުތަކުގެ ތެރެއިން އޭނާގެ އާއިލާއިން ޕްރޮޑިއުސް ކުރާ ފިލްމު "ޑާލިން"ގެ މަސައްކަތް ވަނީ ޑިސެމްބަރުން ނަގައި އަންނަ އަހަރުގެ ކުރީކޮޅަށް ލާފަ އެވެ. އާލިއާގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވާނީ އަންނަ ޖެނުއަރީ މަހު "ގާންގޫބާއީ ކަތިއާވާޑީ" އެވެ.
ދެ ތަރިންގެ އަތުގައިވެސް ކުރިޔަށް ގިނަ ފިލްމުތަކެއް އެބަ ހުއްޓެވެ.
ދެތަރިންގެ މުޅި ޝެޑިއުލަށް ބަދަލު ގެންނަމުން ދާއިރު އާއިލާއިން ދަނީ ރަންބީރާއި އާލިއާގެ ކައިވެނީގެ ވަހަކަ މާގަދައަށް ނުދައްކާވާނެ ގޮތެއް ހެދޭތޯ ބަލަމުންނެވެ. އެގޮތުން ދާދިފަހުން އާލިއާގެ މަންމަ ސޯނީ ރަޒްދާން ވަނީ ދެމީހުންގެ ކައިވެނި އޮންނަ ދުވަހެއް ނޭނގޭ ކަމަށާއި އެ މައުލޫމާތު އާލިއާގެ މެނޭޖަރު ކައިރީ އެހިޔަސް އެނގޭނެ ހެން ހީނުވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް