ގައުމު ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން: ނައިބު ރައީސް

ގައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފ...

28 Oct 2021 | 07:18

ގައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ދުޅަހެޔޮ ރަނގަޅު ޖީލެއްވެސް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުރެވިގެން ކަމަށެވެ. ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައި، ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި މުޖްތަމަޢުގައި ބޮޑެތިވަމުންދާ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.

ރޭ ހާފިޒް އަޙްމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

މި ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް، 45 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 1، 38 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 2، 28 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 3، 16 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 4، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް