އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ އެމްޕޮލީ އަތުން މޮޅުވެ އިންޓަ މިލާނުން ލީގު ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.
ރޭ އެމްޕޮލީއާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އިންޓަގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން ޑަނީލޯ ޑަމްބްރޯސިއޯއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އިންޓައިން ނިންމާލިއިރު، އެމްޕޮލީން ވަނީ ފަހުހާފަށް ކުޅެން ނިކުމެ ރަނގަޅު ކުޅުމެއް ދައްކާ އިންޓަގެ ފަހަތަށް ބާރު ބޮޑު ކޮށްފައެވެ. ނަމަވެސް މި މެޗުގައި އެމްޕޯލީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުގެ ސަމުއެލް ރިޗީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އެމްޕޯލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 66 ވަނަ މިނެޓުގައި އިންޓައިން ވަނީ ދެވަނަ ލަނޑެއް ޖަހާ މެޗުގައި ލީޑު ފުޅާކޮށްފައެވެ. ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯއެވެ.
ރޭގެ މި މޮޅާއެކު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކު އިންޓަ އޮތީ ތާވަލުގެ ތިން ވަނާގައެވެ. އެއްވަނައިގައޮ އޮތީ 10 މެޗުން 28 ޕޮއިންޓް ހަމަކޮށްފައިވާ އޭސީ މިލާނެވެ. އަދި ދެވަނައިގައި އޮތް ނާޕޮލީއަށް ނުވަ މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް