ޖަރުމަން ކަޕް: މޮންޗެންގްލަޑްބަކުން އަތުން ލަދުވެތި ގޮތަކަށް ބަލިވެ ބަޔާން ކަޓައިފި

ޖަރުމަން ކަޕުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކުން އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ވަރުގަދަ ބަޔާން މިއުނިކް މުބާރާތުން ކަޓައިފިއެވެ. ޖަރުމަން ކަޕ...

28 Oct 2021 | 04:37

ޖަރުމަން ކަޕުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކުން އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ވަރުގަދަ ބަޔާން މިއުނިކް މުބާރާތުން ކަޓައިފިއެވެ.

ޖަރުމަން ކަޕްގައި ރޭ ކުޅުނު މި މެޗުން ބަޔާން ބަލިވީ ބޮރޫޝިއާ މޮންޗެންގްލަޑްބަކުން އާއި ބައްދަލުކޮށް 0-5 ގެ ނަތީޖާއިންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން މިހާ ބޮޑު ތަފާތަކުން ބަޔާން ބަލިވިިއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ޓީމު މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި މޮންޗެންގްލަޑްބަކުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކޮއަޑިއޯ ކޯނޭއެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކުން އެޓީމުގެ ދެވަނަ ލަނޑު ޖެހާ ލީޑު ފުޅާ ކުރިއެވެ. މި ލަނޑު ޖަހައިދިނީ ރަމީ ބެންސެބައިނީ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންސެބައިނީ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މޮންޗެންގްލަޑްބަކުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެމްބޯލޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެމްބޯލޯ ވަނީ އިތުރު ލަނޑެއް ޖަހައި، މޮންޗެންގްލަޑްބަކަސް ފަސް ލަނޑު ހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު މި ސީޒަނުގެ ޖަރުމަން ކަޕުގެ ދެވަނަ ބުރުން ބަޔާން ކެޓިއިރު، މިދިޔަ ސީޒަނުގެ މުބާރާތުންވެސް އެ ޓީމު ކަޓާފައިވަނީ ދެވަނަ ބުރުންނެވެ. އެ ފަހަރު ބަޔާން ބަލިވީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ހޯލްސެން ކިއެލް އަތުންނެވެ.

ބަޔާން ބަލިކޮށް ޖަރުމަން ކަޕުގެ ގަދަ 16 އަށް މޮންޗެންގްލަޑްބަކް ދަތުރުކުރިއިރު، ގަދަ 16 ގެ މެޗުތައް ކުޅެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް