މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މައްސަލަ ބަލާ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އިސް އޮފިސަރު ސަމީރު ވަންކެޑޭ އަށް ރިޝްވަތު ހޯދަން އުޅުނުކަމުގެ ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ އިއްޔެ އެންޑީ ޑްރަގް އެޖެންސީން ވަނީ އޭނާ އާއި ސުވާލު ކޮށްފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ އިންޓާން މައްސަލައެއްގެ ގޮތުގައި އެވެ.
އެހެންވެ އޭނާ އާއިދެކޮޅަށް ކުރެވިފަވާ ތުހުމަތުތައް ސާބިތުވަންދެން އާރްޔަންގެ މައްސަލައިގެ ތަހުގީގު ޓީމުގެ ވެރިއަކަށް ހުންނާނީ ސަމީރު ކަމަށް އެންސީބީގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވެ އެވެ. އެ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތަހުގީގުން ސަމީރު ރިޝްވަތު ހޯދަން އުޅުނުކަން ސާބިތުވާވަރުގެ ހެއްކެއް އޮންނަން ޖެހޭނެ ކަމަށެވެ.
އޭނާ ރިޝްވަތުގެ ގޮތުގައި ފައިސާ ނަގަން އުޅުނީ ކޭޕީ ގޮސާވީ ކިޔާ މީހެއް މެދުވެރިކޮށް ޝާހްރުކްގެ މެނޭޖަރު ޕޫޖާ ދަޑްލާނީ އަތުން ކަމަށެވެ. މިކަން ފަޅާ އަރުވާލީ ކޭޕީ ގޮސާވީގެ ބޮޑީ ގާޑެއް ކަމަށްބުނާ ޕްރަބާކަރް ސާއީ ކިޔާ މީހެކެވެ.
އެ ދެމީހުން ގުޅިގެން މަސައްކަތް ކުރީ ޕޫޖާ މެދުވެރިކޮށް ޝާހްރުކް ކާން އަތުން ފައިސާ ހޯދައިގެން ޑްރަގް މައްސަލައިގެން އާރްޔަން ސަލާމަތްކޮށްދޭށެވެ. އެމީހުން ގަބޫލު ކުރީ ދަރިފުޅު މިނިވަން ކުރަން ޝާހްރުކް ހާން ކިތަންމެ ވަރަކަށްވެސް ފައިސާ ހަރަދުކޮށްފާނެ ކަމަށެވެ.
މި މައްސަލަ ޕްރަބާކަރް ފަޅާ އަރުވާލުމުން ކޭޕީ ގޮސާވީ ވަނީ ކުއްލިއަކަށް ގެއްލިފަ އެވެ. އެކަމަކު މިހާރު އޭނާ ހައްޔަރުކޮށްފައިވާއިރު ސަމީރު ވަނީ މުމްބާއީ ފުލުހުންގެ ކިބައިން އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ.
ޕްރަބާކަރް ބުނެފައިވާ ގޮތުގައި ސަމީރާއި ގޮސާވީ އާއި ދެމެދު ދެކެވުނު ވާހަކަތަކެއް އޭނާ އަޑުއެހި އެވެ. އެ ވާހަކައިގަ ދެމީހުން މަޝްވަރާ ކުރީ ޕޫޖާއަށް ގުޅައި ފައިސާއަށް ޑިމާންޑު ކުރުމަށެވެ. ޑިމާންޑު ކުރަން އެއްބަސްވެވުނީ 18 ކްރޯޑު އިންޑިއަން ރުޕީސްއަށް ކަމަށާއި އޭގެ ތެރެއިން އަށް ގްރޯޑު ރުޕީސް ދޭން ޖެހޭނީ ސަމީރަށް ކަމަށް އެ ދެމީހުން ވާހަކަ ދެއްކުމަށް ފަހު އެއްބަސްވި ކަމަށް ބުނެފައިވެ އެވެ.
އެމީހާގެ ވާހަކަތަކާއި ގުޅިގެން ތަހުގީގު ކުރަން ފެށުމާއި އެކު މީޑިއާއިން ވަނީ ސަމީރު އެ ވާހަކަތައް ދޮގު ކުރިޔަސް އެ ދެ މީހުންނަކީ ކުރިންސުރެ ދަންނަ ދެމީހުންކަން ސާބިތު ކޮށްދީފަ އެވެ. އެގޮތުން ސަމީރާއި ގޮސާވީ އެކިތަންތަނުގައި އެއްކޮށް އުޅެފައިވާ ސީސީޓީވީ ފުޓޭޖުތައް އާންމުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް