އަނިޔާވެރިގޮތަށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި އަވަހާރަވެފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލައްވާފައި އޮއްވާ ފެނުނީ ދިރިއުޅުއްވާ ގޭގެ ސިޑިގޮޅި ކައިރިންނެވެ. އެމަނިކުފާނަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވީ މެއި 22، 2018 ގައެވެ. އެމަނިކުފާނު އަވަހާރަވީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނަކީ ވެސް އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެ ދެ ބޭފުޅުންނާއެކު އިތުރު ތިން ބޭފުޅަކަށްވެސް މިއަހަރު ވަނީ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވިއެވެ.
ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުން:
- ޑރ. އަފްރާޝީމް އަލީ
- ޑރ. އަބްދުއްމަޖީދު އަބްދުއްބާރީ
- ސައްޔިދު އަލީ
- އަލްމަރްހޫމް ސައްޔިދު ހަސަން
- މުހައްމަދު ވަހީދު (މަޑުލު)
މިއަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސައްޔިދު ހަސަނަކީ ދިވެހި ތާރީޚު ދުށް އެންމެ ކާމިޔާބު ކުޅިވަރު ކުޅުންތެރިއާއެވެ. އެގޮތުން 1970 ގެ ތެރޭގައި ބޭއްވުނު ހުރިހާ މުބާރާތްތަކެއްގައި ބައިވެރިވެ ރަން ވަނަތަކެއް އޭނާ ވަނީ ހޯއްދަވާފައެވެ. ސައްޔިދު ހަސަން ވަނީ ފުޓްބޯޅަ، ވޮލީ ބޯޅަ، ހޮކީ، ޗެސް އަދި ޓީޓީއާ ބައިސްކަލް ރޭސްތަކުގައި ވެސް ވާދަ ކުރައްވާ ރަން ވަނަތައް ވަނީ ހޯއްދަވާފައެވެ.
ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސައްޔިދު އަލީއަކީ ވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވަރަށް ޅަ އުމުރުގައި ކުޅިވަރު ކުޅުއްވަން ފެއްޓެވި ސައްޔިދު އަލީ ވަނީ ވޮލީ، ފުޓްބޯޅަ، ކްރިކެޓް އަދި ޓެނިސް ކުޅުއްވާފައެވެ.
ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މަޑުލު މުހައްމަދު ވަހީދަކީ ދިވެހި އަދަބިއްޔާތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް