ރައީސް ދީނީ އިލްމުވެރިންނަށް: ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ނުހަދާ!

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ. ދަރ...

28 Oct 2019 | 18:39

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ އޮތް ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވުމަށް ދީނީ އިލްމުވެރިންނަށް ގޮވާލާ ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ދިވެހިންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ލިބިފައިވާ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް ދިވެހިންނަށް ލިބިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ރަނގަޅު ފައިދާ ދިވެހިންނަށް އިންތިހާއަށް ލިބިގެންދާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު ދިވެހިންގެ ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދޭ. ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައިވެސް އެބަ ބުނޭ. އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިންގެ ޒަމާންވީ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ގޮތްތައް، ޢާންމު ދިރިއުޅުމުގެ ތެރެއަށް ބަޔަކު މީހުން ވައްދަމުންދާ ކަމަށެވެ. ދީނުގެ ފާޢުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން މީހުންދާ ކަމަށާއި އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރަމުން އެބަދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެއްފަހަރާ އެއްއަޑުން އަޅުގަނޑުމެން އެންމެން އެކަންކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

"މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ހަމައެފަދައިން އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުޞަތު ނުދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އުޅޭ ކަމެއް ކަމަށެވެ. މިއަދު މިކަންކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެދުވަހު ކޮބައިތޯ ރައީސް ވަނީ އެމަނިކުފާނުގެ ވާހަކާގައި ސުވާލު އުފައްދަވާފައެވެ. އެކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބަޔަކު ތިބި ކަމަށާއި ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން ކުރާނެކަން،" ރައީސް ވިދާޅުވިއެވެ.

ހަމައެފަދައިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްވެސް، ޤާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ފުރުޞަތު، ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ. މި ސަރުކާރުން ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް މިނިވަން ކަމަކަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންނަކީ އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތަށްއަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދިވެހި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. މިއީ ދިވެހި އެންމެންގެ ޤައުމު ކަމަށާއި މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް