ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާގެ ދަށުގައި ތާށިވެފައި ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ސިފަކުރައްވައިފިއެވެ.
ޑރ. އިޔާޒް މިހެން ސިފަކުރައްވާފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
" ގާނޫނާއި ހިލާފުވެފައިވާ ޖަމިއްޔާއެއްގެ ދަށުގައި ތާށިވެ ވަޑައިގެން ހުންނަވައިގެން ދީނީ އިލްމުވެރިންނަށް އިލްތިމާސް ފޮނުވިޔަކަސް މަނިކުފާނުގެ ޒިންމާއިން ރެކިވަޑައިގެންނެވުނީކީ ނޫންކަން ހަނދާނުގައި ބަހައްޓަވާތި ރައީސް ސޯލިހް، މަނިކުފާނު ވައުދުވިގޮތަށް ކަންތައް ކޮށްދެއްވާ" އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
މި މޭރުމުން މިރޭ ގިނަ ޓްވީޓްތަކެއް ޑރ. އިޔާޒް ކުރެއްވިއެވެ.
އެގޮތުން ދީނީ އިލްމުވެރިންގެ ފަރާތުން އެއްވެސް ކަހަލަ ހުޅެއް ރޯވިޔަ ނުދެއްވާނެކަމުގައި ރައީސް ސޯލިހް ޓެގްކުރައްވާފައި ދަންނަވާފއިވެއެވެ. ގައުމުގެ ހަމަޖެހުމަށްޓަކައި ލަސްނުކުރައްވާ އެމްޑީއެން އާއިމެދު ގާނޫނީ ފިޔަވަޅު އެޅުއްވުމަށް ގޮވާލާފައިވެއެވެ. އޭރުން އެއްވެސް ބަޔަކަށް ސިޔާސީ ހުޅު ރޮލެއް ނުކުރެވޭނެ ކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
"މިރާއްޖޭގެ އެންމެ އިސްވެރިޔާއަށް ދީނީ އިލްމުވެރިން އަދާކުރަމުން ގެންދާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެންކަމީ ހިތާމަހުރިކަމެއް. އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ދީނީ އިލްމުވެރިން ކިބައިން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ދެވިފައިނުވާނެ، ނުވެސް ދޭނަން އިންޝާﷲ" ޑރ. އިޔާޒް މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ހަމަ މި މައުލޫގައި ޑރ. އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅވެފައިވަނީ ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފަޔަށް ބުރަވެފައި ތިބީމަ ކަމަށެވެ.
ފުތުނަ ފަސާދަ އުފެދެން ދިމާވަނީ އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފު ވީމަ ކަމަށާއި ވީމާ އެކަން ނުކުރުމަށް ގޮވާނުލަނީ ކީއްވެތޯ ރައީސް ސޯލިހް ކުރެން ޑރ. އިޔާޒް ސުވާލުކުރައްވާފައިވެއެވެ.
ޑރ. އިޔާޒްގެ ގިނަ ޓްވީޓްތަކެއް ރައީސް ސޯލިހަށް ދޫކުރައްވާފައިވާއިރު ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ، ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ގޮވާލެއްވީ ގައުމުގައި ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް އިސްލާމްދީން ނުހެދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް