ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރާ ބިލު ބަލައިގެންފި

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ...

28 Oct 2019 | 08:59

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ 82 މެންބަރުންގެ ވޯޓުންނެވެ. ބިލު ދިރާސާ ކުރަން ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަކަށެވެ.

ސަރުކާރުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު:

* ކައުންސިލްތަކުގެ ޢުމުރު، 3 އަހަރުން 5 އަހަރަށް ބަދަލުކުރުން.

* ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، * އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައެޅުން.

* އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިޚާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް