އިންކަމް ޓެކްސް ނެގުމަށް އެމްޑީޕީން ވީ ވައުދާއި މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ އަދަދުތައް ދިމާނުވުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. ބިލަށް ބަހުސް ކުރައްވަމުން ވަހީދު ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ މުއްސަނދިންނާއި ފަނގީރުންގެ ފަރަގު ކުޑަކުރުން ކަމަށެވެ. އަދި ދައުލަތަށް އިތުރު އާމްދަނީ ވެއްދުން ކަމަށެވެ. އޭނާ ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފެށުމުން ވިޔަފާރިވެރިން ހިންގާ ޖަރީމާތައް ހުއްޓިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ އިންވެސްޓުކޮށްގެން ލިބޭ ޑިވިޑެންޓް، އިންޓްރެސްޓު އަދި އިންވެސްޓްމެންޓު ވިއްކާލައިގެން ވިތު ހޯލްޑިން ޓެކްސް ނުނަގާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ.
"މިހެން ވުމުގެ ސަބަބުން ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކުހުގެ އަދަދު ކުޑަ ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދޭ،" އޭނާ ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެން މުހައްމަދު ދީދީވެސް ވަނީ ޓެކްސް ނަގަން ފަށާ އާމްދަނީ 40،000 ކަމުގައި ބިލުގައި ބަޔާންކޮށްފައި އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެޖެންޑާ 19ގެ ތެރެއިން އޭރު ރައްޔިތުންނަށް ވީ ވައުދަކީ "60،000 ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް ތިންލާރި ބައިގެ ޓެކުހެއް ނަގަން" ކަމަށެވެ.
ކޮމެޓީ މަރުހަލާގައި މި ތްރެޝްހޯލްޑް 40،000 އިން 60،000 އަށް ބަދަލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވަނީ ޓެކްސް ނަގަން ފަށާ ތްރެޝްހޯލްޑް 40،000 ކަމަށް ކަނޑައަޅާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިންކަމް ޓެކްސް އިން ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނުނެގުން ކަމަށެވެ.
"އުވާލާ ޓެކްސްގެ ތެރޭގައި އަޅުގަނޑު ބޭނުން މުވާސަލާތީ ހިދުމަތްތަކުން ނަގާ ޓެކްސް އާއި ދަތުރުފަތުރުން ނަގާ ޓެކްސް ކުޑަކުރަން ނުވަތަ އުވާލަން." ޝަފީގު ވިދާޅުވި އެވެ.
ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެން ޝަހީމް ވިދާޅުވީ އެމްޑީޕީން ވައުދުވީ އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާ މަހަކު މަދުވެގެން ލިބޭ މީހާގެ އަތުން ކަމަށެވެ. އެއަށްވުރެ އިތުރުވާ އެއްޗަކުން 3.5 ޕަސެންޓޭ ނެގުމަކީވެސް އެމްޑީޕީން ވައުދުވި ގޮތް ކަމަށާއި ކޮމެޓީ މަރުހަލާގައި އެކަން ރަނގަޅަށް ދިރާސާ ކުރައްވާ، ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ކޮށްދިނުމަށް އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ އެޖެންޑާ 19ގައި އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000 ރުފިޔާ އެވެ. އެހެންކަމުން އިންކަމް ޓެކްސް ނެގުމުގައި ބަލާނެ އެންމެ ދަށް ސީލިންއަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ނަގާނަމަ އެ ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 ގައި ހުންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިން ގިންތިއަކުންނެވެ. އެގޮތުން 40،000 ރުފިޔާ އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި 60،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް