ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަނަލް އެޖެންސީ (ޖޭއައިސީއޭ) އިން ހިންގާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސްގެ ބައިވެރިންނާ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ބައްދަލުކުރައްވައިފިއެވެ.
ފިޝަރީސް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޒަހާގެ އަރިހުގައި ޖާޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް. ޔަނާއީ ވެސް ވަނީ މިޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.
ޖޭއައިސީއޭ އިން ހިންގާ މި ޕްރޮގްރާމް ޖަޕާނުގައި ނިންމައިލުމަށްފަހު ޓްރެއިނިންގެ ބައިވެރިން މާލެ އައިސްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިމަހުގެ 6 ވަނަ ދުވަހު ޖަޕާނުގައި ފެށި މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން ފިޝަރީސް މިނިސްޓްރީން ހަނިމާދޫގައި ޤާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ހިމެނިގެން ޖުމްލަ 5 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި ޕްރޮގްރާމްގެ ބައިވެރިން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭންތައް ހުށަހަޅުއްވާފާއިވާ ކަމަށެވެ. ބައިވެރިން ނިސްބަތްވާ ރަށްރަށުގައި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް ދަނޑުވެރިންނާއި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ރަށު ފެންވަރުގައި ހިންގާނެ މަޝްރޫޢުތަކުގެ ޕްލޭންތައް މިބައްދަލުވުމުގައި ބައިވެރިން ހުށަހެޅުއްވި ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވަ އެވެ.
މިބައްދަލުވުމުގައި ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކޮށް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، އަމަލީ މައިދާނުގައި ޕްރޮގްރާމްގެ ބައިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މިޕްރޮގްރާމުން ދަސްވި އެއްޗިހީގެ ބޭނުން ވީހާވެސް ފުރިހަމަޔަށް ހިއްޕެވުމަށް ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާ ޒުވާން ބޭފުޅުންގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށާއި އެބޭފުޅުންގެ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެރަށްރަށުގެ ކައުންސިލްތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އާންމު ފަރުދުންނަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް