2017 ގައި ރާއްޖެ މި ހިމެނޭ ސަރަހައްދަށް އެރި ތޫފާ އޯޗީ ފަދަ ތޫފާނެއް ހަމަ މި ސަރަހައްދުގައި އުފެދިދާނެ ކަމުގައި އިންޑިއާގެ ކެރަލާ ސްޓޭޓްގެ މެޓް ޑިޕާޓްމެންޓުން ނިމުތުކޮށް އިންޒާރު ކޮށްފިއެވެ.
އެގޮތުން އެ ސަރަހައްދަށް ނިސްބަތްވާ ނޫހެއްގައި ރިޕޯޓްކޮށްފައިވާގޮތުގައި އަރަބި ކަނޑުގައި މިހާރު ވަނީ "ޑިޕްރެޝަން" އެއް އުފެދެން ފަށާފައެވެ. އަދި އެކަން ކަށަވަރު ކުރެވި އެ ކޮޅިގަނޑަކަށް ބަދަލުވާނެކަން ޔަގީން ކުރެވިގެންދާނީ ބުދަ ދުވަހު ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
"ކުރިއަށް މިއޮތް ދުވަސްތަކުގައި ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ، ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވެނީ ކޮއްލަމް އާއި އިޑުއްކީ އަށް" އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެ ރިޕޯޓްގައި މެޓް އޮފީހާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާލާދީ ބުނެފައިވާގޮތުގައި މި "ޑިޕްރެޝަން" ތޫފާން އޯޗީ ފަދަ ތޫފާނަކަށް ބަދަލުވެދާނެ ކަމަށާއި އުފެދޭ ކޮޅިގަނޑު ދަތުރުކުރާނީ ތޫފާން އޯޗީ ދަތުރުކުރި މިސްރާބަށް ކަމުގައި އަންދާޒާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްވަރު މަސްވެރިން މަހަށް ފުރުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށް ފުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މި ހަބަރާއި ގުޅޭގޮތުން ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއަށް ގުޅާލުމުން އެ އިދާރާއިން ވިދާޅުވީ އުފެދެމުން އަންނަ ލޯ ޕްރެޝަރު އަދި ހުރީ ސްރީ ލަންކާގެ ދެކުނަށް ކަމަށެވެ. އަދި "ލައިކްލީ މޫވް" ކުރާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އެ ލޯ ޕްރެޝަރު އަރަބި ކަނޑަށް ވަނުމާއެކު ވަރުގަދަވެދާ ކަމަށާއި އޭގެ ސަބަބުން ބުދަ ބުރާސްފަތި ހިސާބު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ ވިއްސާރަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެދާނެ ކަމުގައި ދަންނަވަން އަދި ދަތި ކަމަށާއި މާދަމާ އެކަން ކޮންމެވެސް ވަރަކަށް ސާފުވެގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް