ވަޒީރެއްގެ މައްސަލަ އުޅޭ ކަމަށްވާ ނަަމަ އެ ވަޒީރަކާއި މެދު ފިޔަވަޅު އަޅާ ދައުވާކޮށް އަދަބުވެސް ދޭންޖެހޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އޭސީސީން ހާމަކުރި ރިޕޯޓުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފުވެސް ހިމެނިވަޑައިގަތެވެ. އަދި ހަމައެއާއެކު މަހްލޫފުގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އޭސީސީން ފަހުން ވަނީ ނިންމާފައެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު (508،860 ރުފިޔާ) ޖަމާވި ކަމަށްވެއެވެ. ނަމަވެސް އޭނާ ވަނީ އެއީ އޭނާގެ ފައިސާއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފައިސާއަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.
މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯހެއް އުޅޭނަމަ ފިޔަވަޅު އަޅައި، ދައުވާކޮށް އަދަބުވެސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް "ވަގު ސަރުކާރެއް" ދިފާއުނުކުރަން ފާޅުގައި އެ ވާހަކަ ދެއްކި ފުރަތަމަ މީހަކީ އޭނާކަން މަހްލޫފް ވަނީ ފާހަގަކުރައްވައިފައެވެ. ވަގު ސަރުކާރެއް ދިފާއުނުކުރަން ފާޅުގައި އެވާހަކަ ދެއްކި ފުރަތަމަ މީހަކީ އޭނާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި މި ސަރުކާރުގެ ހަތް ބޭފުޅަކު ހިމެނޭ ކަމަށް، ތަހުގީގީ އިދާރާތަކުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް