ވ. އަތޮޅުގެ ތިން ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: މިނިސްޓަރު ހުސައިން ރަޝީދު

ވ. އަތޮޅުގެ ތިން ރަށެއްގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމަށް ލަފާކުރެވޭކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔި...

28 Oct 2019 | 05:39

ވ. އަތޮޅުގެ ތިން ރަށެއްގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމަށް ލަފާކުރެވޭކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާ ގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

މެމްބަރު ފަޒުލް މިނިސްޓަރާއި ކުރެއްވި ސުވާލަކީ، ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓުގެ ގޮތުގައި މި އަހަރު ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާ ގެ ނިޒާމު ޤާއިމުކުރުމަށް ބަޖެޓްކުރެވިފައިވީއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް މިއަހަރުގެ މާރޗް މަހު އިއުލާނުކޮށްފައިވާއިރު، ލޯނުގެ ފައިސާ ސަރުކާރަށް މިހާރު ލިބިއްޖެތޯއެވެ. އަދި ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް މިއަހަރު ފެށޭނެތޯ އެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ލޯނުގެ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫއުތައް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކޮށް ފެށޭނީ އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އެއް މާރޗް މަހު ސޮއިކުރެވިފައިވާއިރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ފެސިލިޓީގެ ތެރެއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް