ކުރީގެ ލޯބިވެރިޔާއާ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން: ސާރާ

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބާއްވައި، ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާން ބުނެފިއެވެ. ސާރާ މިހެން ބުނެފައި ވަނީ ދާދި ފަހުން އޭނާގެ ލޯބިވެރިޔާ ކާތިކް އާރްޔާން...

28 Oct 2019 | 04:39

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބާއްވައި، ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާން ބުނެފިއެވެ.

ސާރާ މިހެން ބުނެފައި ވަނީ ދާދި ފަހުން އޭނާގެ ލޯބިވެރިޔާ ކާތިކް އާރްޔާން އާއި ވަކިވުމަށްފަހު އެދެމީހުން އަދިވެސް ގުޅުމެއް އޮންނަކަމަށް އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

ކާތިކް އާއި ސާރާ ލޯބީގެ ގޮތުން ގުޅިގައި ވަނީ ދެމީހުން އެކީ ފެނިގެންދާނެ ފިލްމް "ލަވް އާޖް ކަލް 2" ގެ ސެޓުންނެވެ. މިމަހުގެ ކުރީކޮޅު ދެލޯބިވެރިން ވަކިވި ނަމަވެސް އެކުވެރިކަން އޮންނާނެ ކަމަށް ސާރާ ވަނީ ބުނެފައެވެ.

ކާތިކް އާއި އަދިވެސް ގުޅުން އޮންނަ ކަމަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސާރާ ބުނީ، ކުރީގެ ލޯބިވެރިންނަކީ ދުޝްމަނުން ނޫން ކަމަށާއި، ޕްރޮފެޝަނަލް ވާހަކަތައް ދެއްކޭނެ ކަމުގައެވެ. އަދި އޭނާ އަކީ މައްސަލައެއް ޖެހޭއިރަށް ހުރިހާ ގުޅުންތަކެއް ކަނޑާލާނެ މީހެއް ނޫން ކަމަށް ވެސް ސާރާ ބުންޏެވެ.

ދެމީހުން ވަކިވުމަށްފަހު ސާރާ ވަނީ މިދިޔަ ހަފްތާ ޗުއްޓީއަކަށް ސްރީލަންކާ އަށް ގޮސްފައެވެ. ޗުއްޓީ އަށް ގޮސް އޭނާ ވަނީ އެކުވެރިންނާއި އެކީ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ބްރޭކަޕަށްފަހު ސާރާ ޗުއްޓީއަށް ދިޔައީ ބޯހަމަޖައްސައިލާށެވެ.

ސާރާ އަދި ކާތިކް ފެނިގެންދާނެ "ލަވް އާޖް ކަލް 2" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުއެވެ. ދެތަރިން އެކީގައި ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް