ކުރީގެ އަދަދާ ގުޅޭ...
"ހެއި ނަޒޭ މައި މޭން" އެއަޑު އިވުމުން ނަޒާންގެ ދެލޯ ބޮޑުވެ ނޭވާ ހިފަހައްޓައިލެވުނެވެ. އެއީ ކާކުގެ އަޑެއްކަން ދެނެގަންނަން ނަޒާނަކަށް މާ ގިނައިރެއް ނުނެގިއެވެ.
"ނަޒޭ ބްރޯ ވެލްކަމް ކިޔާބަލަ" އެކޮޅުން އަނެއްކާވެސް ހެވިލާފައި ބުނެލި އަޑު އިވުނެވެ. ނަޒާނަށް ދެންވެސް އަނގައިން ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ ހުރީ ނޭވާލާން ވެސް ހަނދާން ނެތިފައެވެ.
"އަހަރުން މާދަމާރޭ އެބަ ބާއްވަން ޕާޓީއެއް... ހޮޓް ޗިކްސް އަންނާނެ އިނގޭ... އަންނަން ވާނެ" އަނެއްކާވެސް އޭނާ ބުނެލިއެވެ. ނަޒާންގެ ހިތް ތެޅެމުންދިޔަ އަޑު އޭނާގެ ކަންފަތަށް އިވެމުންދިޔައެވެ.
"ސި... ސިމައްޓެ؟" ނަޒާންގެ ދުލާ ހިސާބަށް އެނަން އައީ ވަރަށް އުނދަގުލުންނެވެ.
"ޔެސް ބްރޯ އައިމް ބެކް... މާދަންރޭ އަހަރުންގެ ޕްލޭސްއަށް އަންނައްޗޭ... ހަމަ ކުރިންވެސް އަހަރުން މަޖާ ނަގާ ތަނަށް..." ސިމައްޓެ ވާހަކަ ދައްކަމުންދިޔައިރު އެއްވެސްކަހަލަ ދުރު ކަމެއް ނެތެވެ. ހަމަ އެ މަޖާ ރާގެވެ. ވާހަކަ ދެއްކުމުގައި ހަމަ ކުރިންވެސް ހުންނަ ގޮތްގަނޑެވެ. އެއްވެސް ކަމެއް ބަދަލުވިހެންނެއް ހިޔެއް ނުވެއެވެ. ބަދަލުވީ ނަޒާނެވެ. އޭނާގެ މުޅި ދިރިއުޅުންވެސް މިވަނީ ބަދަލުވެފައެވެ. ސިމައްޓެގެ އެދައުވަތު އޭނާ ގަބޫލު ކުރާނެ ހެއްޔެވެ؟
ސިމައްޓެ ފޯނު ބޭއްވުމުން ނަޒާން އެނދުމަތީ އިށީންދެ ދެފައި ހަލުވަން ފަށައިފިއެވެ. ޝައިލާ ވެސް ލަސްވެގެން މެސެޖުކޮށްފައި އޮތެވެ. އޭނާއަށް ފާރަލަމުން މިދިޔައީ މިގުރޫޕްތާއޭ ހިތަށް އެރިއެވެ.
މާޒީ ކުރިމައްޗަށް އަލުން އައުމުން ނަޒާން އިނީ ހަދާނެ ގޮތެއް ނޭންގިފައެވެ. އެމީހުން މިދަނޑިވަޅުގައި ޖަލުން ނިކުންނާނެ ކަމަށް އޭނާ ހުރީ ތައްޔާރުވެގެންނެއް ނޫނެވެ. ޝައިލާ އާއި އެކީ ރީތި ދިރިއުޅުމެއް އުޅެން ބޭނުންނަމަ ނަޒާން ޖެހޭނީ އެމީހުން ކައިރިން ދުރުވާށެވެ. އެމީހުންނަކީ މިހާރު ނަޒާނަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ ބައެއް ނޫނެވެ. އެމީހުންނަކީ މިހާރު ނަޒާން ދަންނަ ބައެއް ނޫނެވެ. އަމިއްލަ ހިތަށް ވަރަށް ވިސްނައިދިނުމަށްފަހު ނަޒާން ނިދާން އޮށޯތީ ޝައިލާގެ މެސެޖަށް ޖަވާބުވެސް ނުފޮނުވައެވެ.
***
ނުހާ ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތްއިރު ހައިރާންވީ އޭނާގެ މައިންބަފައިން ސޯފާގައި ތިއްބައި ފެނުމުންނެވެ. މަންމައާއި ރޭގައި ވެސް ފޯނުން ވާހަކަ ދެއްކި އެވެ. ނަމަވެސް މިއަދު އަންނަ ވާހަކައެއް މަންމަ ނުބުނެއެވެ. އޭނާ ރޭގައި ކައިންވެންޏާއި ބެހޭގޮތުން ވަރަށް ޝަކުވާ ކުރިއެވެ. ނަމަވެސް މަންމަ ބާރުއަޅަމުން ދިޔައީ އެކައިވެނި ކުރުމަށެވެ.
"ދަރިފުޅު އަވަހަށް އާދޭ" ނުހާ ފެނުމުން އޭނާގެ ބައްޕަ އާދަމް ގޮވައިލިއެވެ. މަންމަ އާއި ބައްޕަގެ މެދުގައި ނުހާ ގޮސް އިށީނެވެ. ކުރިމަތީ ހުރި ސޯފާގައި ސަމީރާއި ނަހުޒާން އިށީންދެގެން ތިއްބެވެ.
އެމީހުން ދައްކަމުން ދިޔައީ ނަހުޒާނާއި ނުހާގެ ކައިވެނީގެ ވާހަކައެވެ. ނުހާ އިނީ މޮޅިވެފައެވެ. ބުނާނެ ހަމަ އެކައްޗެއް ވެސް ނޭންގިފައެވެ. ކުއްލިއަކަށް މިހާ ބޮޑު ކަމެއް އޭނާއަށް ނުވެސް އެނގި މައިންބަފައިން ނިންމުމުން ނުހާ އިނީ ރުޅިއައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. އިރުކޮޅަކު އިނުމަށްފަހު ނުހާ އެތަނުން ތެދުވެގެން ދިޔައީއެވެ. ނަމަވެސް މީހަކަށް އެކަން ރޭކާލީހެންނެއް ހިޔެއް ނުވެއެވެ. އެމީހުން ތިބީ އަމިއްލަ ވާހަކައަށް ގެއްލި ހުސްވެފައެވެ.
"ދަރިފުޅު އެގޮތަށް ތެދުވެގެން އައީ ކީއްވެގެން؟" ކޮޓަރީގައި ކުޑަދޮރުން ބޭރު ބަލަން ހުއްޓައި ފަހަތުން ނާދިޔާ ބުނެލި އަޑު އިވުނެވެ.
"މަންމާ އަހަރެން ބޭނުމެއް ނޫނޭ ކައިވެނި ކުރާކަށް... ކީއްވެގެންތަ ގަދަކަމުން މިކަން ކުރުވަން ތިއުޅެނީ؟" މަންމަގެ ކުރިމަތީގައި ހުއްޓިލަމުން ނުހާ ބުނެލިއެވެ.
"މަންމައަށް ވެސް އިނގޭ ކައިވެންޏަކީ ވަރަށް ބޮޑުކަމެއްކަން... އެކަމަކު އިނގެއެއްނު ސަމީރުބެ އަކީ ބައްޕަގެ ކިހާ ގާތް މީހެއްކަން" ނުހާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ނާދިޔާ ބުނެލިއެވެ. ނަމަވެސް ނުހާ އެއަތް ފޮޅުވައިލުމަށްފަހު އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"މަންމާ އެކަމަކު ކައިވެނި ކުރެވޭނީ ލޯބިވާ މީހެއް ދެކެޔޭ... އަހަރެން ބޭނުންވަނީ އަހަރެން ލޯބިވާ މީހަކާ ކައިވެނި ކުރާން" ނުހާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
"ނުހާ.. މިހުރިހާ ދުވަހު ނުހާ މިގޭގައި ތިއުޅުނީ ސަމީރުބެގެ ހެޔޮ ކަމުން... މިޒަމާނުގަ ރާއްޖެތެރޭ ކުއްޖަކު މާލެ އައިސް ހިލޭ ތަނަކު ހުންނަން ލިބޭނީ ވަރަށް ނަސީބު ރަގަޅު ކުއްޖަކަށް... ނުހާގެ އެއްވެސް ޚަރަދެއް ކުރަން އަހަރެމެންނަށް ނުޖެހެނީ ސަމީރުބެ ހުރިހާ ކަމެއް ކޮށްދޭތީ... އެއީ ވަރަށް... ވަރަށް ބޮޑު ހެޔޮކަމެއް... ސަމީރުބެ އަހަރެމެންގެ ކިބައިން އެންމެ ކަމަކު އެދުނީމަ އެކަމެއް ނުކޮށްދީ ފުރަގަސްދީފިނަމަ އަހަރެމެން ވާނީ ކިހާ އެދުން ބޮޑު ބަޔަކަށް... ނުހާ ވިސްނާލަބަލަ ނުހާގެ ބައްޕަ އަކީ ނުހާ މާލެ ގެނެސް ކިޔަވައިދޭނެ ފޯރުންތެރިކަން ހުރި މީހެއްތަ؟" ނުހާގެ އަތުގައި ހިފައި ނާދިޔާ އާއި ދިމާލަށް އަނބުރައިލިއެވެ. ނުހާގެ ލޮލުން މިހާރު ވަނީ ކަރުނަ އައިސްފައެވެ. މަންމަގެ މޫނަށް ބަލައިލުމަށްފަހު ނުހާ އެކޮޓަރިން ނިކުމެގެން ދިޔައީ އެވެ.
އެގޭ ދެވަނަ ފަންގިފިލާގައި ހުންނަ ކުޑަ ޓެރެސް މަތީގައި ނުހާ ހުރީ މަގުމަތިން ދުއްވަމުން ދިޔަ އުޅަނދުތަކަށް ނަޒަރު ހުއްޓައިގެންނެވެ. ތިރިއަށް ބެލި ނަމަވެސް ނުހާގެ ލޯ ހުރީ ކަރުނުން ފުރިފައެވެ. އެހެންކަމުން ނުހާގެ މަންޒަރު ވަނީ ފުސްވެފައެވެ. ކަރުނަތަށް އޮހިގަތީ ވާން އުޅޭ ގޮތާއި ދޭތެރޭ ވިސްނާލައިފައެވެ. އޭނާގެ ހަޔާތަށް އައި މިދަނޑިވަޅުގައި ނަޒާން ވެސް އެވަނީ އޭނާ ދުރުކޮށްލާފައެވެ. ނުހާގެ ގިސްލުމުގެ އަޑު ވަނީ މުޅި ތަނަށް ފެތުރިފައެވެ.
"ދެން ފަހުން އެކަމާ ވިސްނާނީ ދޯ" ކައިރިން ނަޒާންގެ އަޑު އިވުމުން ނުހާ ފަހަތް ބަލައިލިއެވެ. އޭރު ހުސްގަޔާ ސޯޓު ބުރިއެއް ލައިގެން ނަޒާން އައިސް އެތާ މަޑުކޮށްލިއެވެ. ފޯނެއްގައި ހުރިއިރު އޭނާގެ ނަޒަރުވެސް ހުރީ މަގުމައްޗަށް ހުއްޓިފައެވެ. އެތާ ހުރި ނުހާ އޭނާގެ ލޮލަށް ނުފެންނަ ކަހަލައެވެ.
"ދެން ޝައި ބޭނުން ނުވަންޏާ ޒާން ވެސް އޯކޭ" ނަޒާން އަނެއްކާވެސް ބުނެލި އަޑު އިވުނެވެ. ޔަގީނުންވެސް ނަޒާން އެ ވާހަކަ ދައްކަނީ ޝައިލާއާ އެވެ. އަވަހަށް އެތަނުން ދާންވެގެން ސިއްރުސިއްރުން އޭނާގެ ދެލޯ ފުހެލިއެވެ. އަދި ބާރު ބާރަށް ދާން އެނބުރުނު ވަގުތު ތިރީގައި ހުރި ޕޮޓެއްގައި އަޅައިގަތުމަށްފަހު ނުހާ ވެއްޓުނެވެ.
އެއަޑަށް ނަޒާން ވެސް ސިއްސައިގެން ދިޔައެވެ. އަވަހަށް ފޯނު ބޭއްވުމަށްފަހު ނަޒާން ތިރިވެ ނުހާގެ އަތުގައި ހިފައިގެން ކޮޅަށް ނެގިއެވެ.
"ތަދުވިތަ؟" ނުހާ ހަށިގަނޑު ދަމައިލުމުން ނަޒާން އަހައިލިއެވެ. ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ނުހާ އެތަނުން ދާން އުޅުނެވެ. ނަމަވެސް ނުހާގެ އަތުގައި ހިފައިލަމުން ނަޒާން އޭނާ ހުއްޓުވިއެވެ.
"ސޮރީ ނުހާ... އެދުވަހު ކަމަކާ ވަރަށް ރުޅިއައިސްފަ ހުރީމަ އެހާ ހަޑިކޮށް އެއްޗެހި ކިއުނީ" ނުހާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހަގީގަތުގައި ވެސް އެކަމާ ދެރަވާކަމުގެ ކުލަވަރުތައް ފެންނަން ހުއްޓެވެ. "ހުމް" އަޅުވައިލުމަށްފަހު އަނެއްކާވެސް ނުހާ އެތަނުން ދާން އުޅުނެވެ.
"ނުހާ ޕްލީޒް... މެރީ ކުރާ ވާހަކަވެސް އަދި ނުބުނަމެއްނު" ނަޒާންގެ އެޖުމްލައިން ނުހާގެ ފިޔަވަޅު ހުއްޓުނެވެ. ނަޒާނަށް ކުރިންވެސް އެކަން އެނގޭތާއޭ ނުހާގެ ހިތަށް އެރިއެވެ.
"އެއީ ބުނަންޖެހޭވަރު ކަމެއްތަ؟" ނަޒާނަށް ބަލައިލަމުން ނުހާ ބުނެލިއެވެ.
"އެހާ ބޮޑުކަމެއް ކުރަން އުޅޭއިރު ބުނަންޖެހޭނެ ދޯ؟ މެރީ ކުރުމަކީ ހާދަ ބޮޑު ކަމެކޭ..." ކޮނޑު އަރުވައިލަމުން ނަޒާން ބުނެލިއެވެ. ނަޒާން ވިސްނާގޮތް ނުހާގެ ސިކުނޑިއަށް ނަގައިގެނެވުނެވެ.
"އަހަރެންނެއް ނޫން ޒާންގެ ދޮންބެ އުޅެނީ އަހަރެންނާ ނީންދެވިގެން" ދެބުމަ ކައިރިކޮށްލަމުން ނުހާ ބުނެލިއެވެ. ނަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަހަންނަށް އޭރުވެސް ހީވިޔޭ... އެ ނަހުޒާން އައިސް ފޮނިކެނޑިއިރު ހީވީ ނުހާ ނީންދެވިގެން ތެޅިފޮޅޭހެން..." ނަޒާން ބުނެލިއެވެ. އަދި އިއްޔެ ބަދިގެތެރޭގައި ނަހުޒާން މަންމަ ކައިރީ އެވާހަކަ ދެއްކިކަން ނަޒާން ކިޔައިދިނެވެ.
"އޭނާ ދެއްކި ވާހަކައިން ހީވީ ނުހާ ނަހުޒާން އާ ހެދިގެން އެވަރަކުން އުޅޭހެން" އަނެއްކާވެސް ނަޒާން ބުނެލިއެވެ.
"ނަޒާން ޕްލީޒް ހެލްޕް މީ... އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް... އަހަރެންގެ ހުރި ހަމައެކަނި މީހަކީ ތީ... ޕްލީޒް ހުއްޓުވާބަލަ" ނުހާގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަން ފަށައިފިއެވެ.
"ސޮރީ ނުހާ... އިނގެއެއްނު މިގެއަކީ އަހަރެންނަށް ބީރައްޓެހި ގެއެއްކަން... ބައްޕަ އަހަރެންނާ ގާތްނަމަ ޔަގީނުންވެސް އަހަރެން އެވާހަކަ ދައްކައިދިނީމުސް..." ނުހާގެ ދެކޮނޑުގައި ހިފައިލަމުން ނަޒާން ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ނަޒާން ގެއްލުމުން ނުހާ އަތް ވިއްދައިލީ ފާރުގައެވެ. ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. އޭނާއަށް އެހީވާނެ ހަމަ އެކަކުވެސް ނެތީ ހެއްޔެވެ؟
***
ރޭގަނޑު 9 ޖަހަން ކައިރިވެފައި ހުއްޓައި ސިމައްޓެގެ މެސެޖެއް ލިބުނެވެ.
"ސީ ޔޫ ބްރޯ" އެމެސެޖަށް ބަލަން ނަޒާނަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގުނެވެ. ދާންވީ ކަމެއް ނުވަތަ ނުދާންވީ ކަމެއްވެސް ނޭންގުނެވެ. މިއަދު އޭނާގެ ހަގީގަތް ދުނިޔެއަށް ސިއްރުވެފައި އެވަނީ ވެސް ސިމައްޓެގެ ސަބަބުންނެވެ. ވަރަށް ވިސްނުމަށްފަހު އަލަމާރިން ގަމީހެއް ނަގައި ގަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި ލޯގަނޑު ކުރިމަތީ ހުރެގެން ބުޅި އިސްތަށިގަނޑުގައި އަތުން ފުނާ އަޅައިލިއެވެ. ތުނބުޅީގައި އަތް ހާކައިލުމަށްފަހު ރީއްޗަށް އަމިއްލަ ސިފައަށް ބަލައިލިއެވެ.
އެއީ މީގެ ފަސް އަހަރު ކުރިން އޭނާ ހުރި ސިފައެއް ނޫނެވެ. އޭރު ދެލޯ ކައިރި ހުންނާނީ ވަޅު ވަދެފައެވެ. އިސްތަށިގަނޑު ކޮނޑާ ހިސާބަށް އަރާނެއެވެ. ތުންފަތް ކަޅުވާނެއެވެ. ކޯ ވަޅުވަދެފައި ހުންނައިރު ހަށިގަނޑު ވެސް ހީވާނީ ހިމަ ތޮޅިއެއް ހެންނެވެ. ނަމަވެސް މިހާރު މޫނުގެ ސިފަ ވަނީ އައިސްފައެވެ. ދެލޯ ކައިރިއާއި ހަމުގެ ކުލަ ވަނީ އެއްކުލަ ވެފައެވެ. ކޮލުގައި މަސްޖަހާލާފައި ހުރިއިރު، ހަށިގަނޑުގެ ރޫފަ ވަނީ އައިސްފައެވެ. އެއީ މިހާރު މުޅިން އެހެން މީހެކެވެ.
ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުން އެއްކަލަ ކެވެލިކޮޅު ނެގުމަށްފަހު ވޮލެޓް ތެރެއަށް ލިއެވެ. އަދި ފޯނު ހިފައިގެން އަވަހަށް ދާން ހިނގައިގަތެވެ.
އެމީހުން އެންމެން ކުރިން ދިމާކުރާ އިމާރާތުގެ ތިރީގައި ސައިކަލު މަޑުކޮށްލުމަށްފަހު ނަޒާން މައްޗަށް ބަލައިލިއެވެ. އެއިމާރާތުގެ ފަސްވަނަ ފަންގިފިލާ އަކީ ސިމައްޓެ ދިރިއުޅޭ އެޕާޓްމެންޓެވެ. އެގެއަކީ އޭނާގެ ބައްޕަގެ ގެއެވެ. ނަސީބު ރަގަޅު ކަމުން ސިމައްޓެ ދިރިއުޅެން ވަނީ އެގޭ އެއް ފަންގިފިލާ ދީފައެވެ.
ދެން ނަޒާން ބަލައިލީ އެ މަގުގެ އަނެއް ކަންމަތީ ހުރި އިމާރާތަށެވެ. އެއިމާރާތް މިހާރު ވަނީ އެކީ ހަދާ ނިމިފައެވެ. ވޭތުވެދިޔަ ފަސް އަހަރުތެރޭ އޭނާ މި މަގަށް އައި މީ ފުރަތަމަ ފަހަރެވެ. މި ސަރަހައްދު އެކަށް މިވަނީ ބަދަލުވެފައެވެ. ނަޒާން ބަލަން އިން އިމާރާތް ފެނުމުން ހީވީ ކަންފަތް ބުޑުގައި އަންހެނަކު ހަޅޭއްލަވައި ގަތް ހެންނެވެ. އަވަހަށް ބިރުން ސައިކަލު ބެހެއްޓުމަށްފަހު އެގޭތެރެއަށް ދުއްވައިގަތެވެ.
ސިޑިން އަރައިގެން ފަސްވަނަ ފަންގިފިލާއަށް އެރުންއިރު މުޅި ތަނުގައި އިވެމުން ދިޔައީ ރޮކް އިނގިރޭސި ލަވައެއްގެ އަޑެވެ. އޮރެންޖު ބޮކިން މީހުން ފާހަގަވަނީ ވަރަށް އުނދަގުލުންނެވެ. ދެޖިންސުގެ މީހުން ގައިގޯޅިވެ ނަށަމުން ދިޔައެވެ. ބައެއް މީހުން ސޯފާތަކުގައި އިށީންދެ ސަކަރާތް ޖަހަމުން ދިޔައެވެ. ނަޒާންގެ ލޯ ހޯދަމުން ދިޔައީ އޭނާގެ ކުރީގެ އެކުވެރިންނެވެ.
އެތެރެއަށް ވަތް ނަޒާންގެ އަތުގައި އަންހެން ކުއްޖަކު ހިފައިލިއެވެ. އެކުއްޖާ ނަޒާންގެ އަތަށް ކުއްލިއެއް ޖެހުމަށްފަހު ވެއްދީ އެ އެޕާޓްމެންޓުގެ ބަދިގެ ތެރެއަށެވެ.
"އޯ މައި ގޯޑް ނަޒޭ" އެ އަންހެން ކުއްޖާ ހަޅޭއްލަވައިގަތެވެ. އަދި ނަޒާންގެ ގައިގައި ބައްދާލަން އުޅުނުވަގުތު އޭނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
ބަނޑު ފެންނަވަރުގެ ކުރު ޓޮޕަކާއި ބާރު ޖިންސެއް ލައިގެން ހުރި އެކުއްޖާއަށް ނަޒާންގެ އެއަމަލުން ލިބުނީ ހައިރާން ކަމެކެވެ. ކަނދުރާ އާއި ހިސާބަށް ކޮށާފައި އޮތް އިސްތަށިގަނޑު ތުންޏެވެ. އޭނާ އަކީ އިސްކޮޅުން ކުރު ހިމަ ތޮޅި ހަށިގަނޑެއްގެ ވެރިއެވެ. މޫނުމަތީގެ ކުލަ އަލި ނަމަވެސް ލޯ ކައިރި ވަނީ ވަރަށް ބޮޑަށް ކަޅުވެފައެވެ.
"ނަޒޭ މީ އަފާ އޭ... ހަނދާން ނެތުނީތަ؟ ހާދަ ތަފާތޭ މިހާރު" އަނެއްކާވެސް އެކުއްޖާ ނަޒާން އާއި ކައިރިވެލަން މަސައްކަތް ކުރިއެވެ. ދެން ވެސް އެމަސައްކަތް ނަޒާން ނާކާމިޔާބު ކޮށްލިއެވެ.
"ހޫމް މިހާރު ދެން ރާއްޖެއިން ބޭރުގަ އުޅެލާފަ އައީމަ ހިތް މޮޅުވީ ދޯ؟ އެދުން ފުއްދަން މަ ކައިރިއަށް އަންނައިރު ހީވީ މަށާ ދެންމެ ދެންމެ އިނދެފާނެހެން" ތުން އަނބުރައިލަމުން އެކުއްޖާ ބުނެލިއެވެ.
ނަޒާން އަފާގެ މޫނަށް ބަލައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ބަދިގެއިން ނިކުތްވަގުތު ނަޒާން ލައިގަތީ އިސްކޮޅުން ދިގު ބޯ ދިގު މީހެއްގެ ގައިގައެވެ. ނަޒާން ބަލައިލި ވަގުތު ނޭވާ ހިފަހައްޓައިލެވުނެވެ. ތުނބުޅި އާއި މަތިމަސް ކުރިއަށްވުރެ ދިގު ނަމަވެސް އެއީ ސިމައްޓެކަން އޭނާއަށް ވަގުތުން އެނގިއްޖެ އެވެ.
"ނަޒޭ" ސިމައްޓެ އަވަހަށް ނަޒާންގެ ގައިގައި ބައްދައިލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގޮސް ވަނީ އެންމެ ކައިރީގައި ހުރި ކޮޓަރިއަށެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް