އައު ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ރޭ ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ވިޔަރެއާލްއާއި ދެކޮޅަށް ކުޅުނު މި މެޗުން ބާސާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ބާސާއިން ލީޑު ނަގާފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ދިން ޕާހަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އަންސޫ ފަޓީއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ފިލިއްޕޭ ކުޓީނިއޯ ދިން ޕާހަކުން ފަޓީ ވަނީ ދެވަނަ ލަނޑެއް ޖަހައިދީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.
ބާސާއިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން ފަޓީއަށް ވިޔަރެއާލުގެ މާރިއޯ ގަސްޕާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި މެޗުގައި ބާސާއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. މި ލަނޑަކީ ވިޔަރެއާލް ޕައުލް ޓޮރޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސާ މޮޅުވިއިރު، ލީގުގައި ދެން ބާސާއިން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ބާސާ ނުކުންނާނީ ރަށުން ބޭރުގައި ސެލްޓާ ވީގޯއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް