ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަށާފައިވާ ކާގޯ ފެރީގެ ހިދުމަތް، ކޮޗިން-ކުޅުދުއްފުށި ފެރީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ ގޮތުން ދެ ގައުމަށްވެސް ކުރިއެރުން އަންނާނެ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ކުރެއްވި ޓްވީޓަށް ދެއްވި ރައްދުގައެވެ.
މޯދީ ވިދާޅުވެފައިވަނީ މިއީ އުފާވެރި ދުވަހެއް ކަމަށާއި ރާއްޖެއާއި އިންޑިއާއާއި ދެމެދު ޑައިރެކްޓް ފެރީއެއް ބޭއްވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެފައިވާކަމަށެވެ.
"ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ އިގްތިސާދަށް ކުރިއެރުންތަކެއް އަންނާނެ ކަމާއިމެދު ޝައްކެއް ނުކުރަން" މޯދީ ވިދާޅުވެފައިވެއެވެ. މީގެ އިތުރު ދެ ގައުމުގެ ގުޅުން ދާނީ އިތުރަށް ބަދަހިވަމުން ކަންވެސް މޯދީ ފާހަގަކުރައްވާފައިވެއެވެ.
މި ފެރީ ހިދުމަތުގެ ފުރަތަމަ ފެރީ އިއްޔެ ރާއްޖެ އައިސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާއިރު މި ކާގޯ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ރާއްޖެ ގެނެސްފައިވެއެވެ.
މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭ އިރު، އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެ އެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
އިންޑިއާއާ ރާއްޖެ އާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް