ދުނިޔޭގެ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިސްޓް ޕޮލިސް އިން އިސްނަގައިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ޓްރާންސް މޯލްޑިވިއަން އޭއާވޭސް އާއި ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އާއި ކޮންރެޑް މޯލްޑިވްސްގެ އިތުރުން އެއާޕޯޓްސް ރެޕްރެޒެންޓޭޓިވް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހާއްސަ ރަސްމިޔާތެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު 09:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ފާއިތުވި އަހަރުތަކުގައި ޓޫރިސްޓް ޕޮލިސް އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ. އެ ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫޞުފެވެ.
ޓޫރިސްޓް ޕޮލިސް އިން އަންނަ އަހަރު ބޭނުންކުރަން ހަމަޖެހިފައވާ ރަސްމީ ޓީޝާޓް މި ރަސްމިއްޔާތުގައި ވަނީ ތަޢާރަފުކޮށްފައެވެ. މި ޓީޝާޓް ތަޢާފަރު ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫޞުފާއި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
އޭގެ އިތުރުން، ޓޫރިސްޓް ޕޮލިސް އިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލުމާތު ހިމެނޭ ލީފްލެޓަކާއި ޕޯސްޓް ކާޑްތަކެއްވެސް މި ރަސްމިއްޔާތުގައި ވަނީ ތަޢާރަފްކޮށްފައެވެ. މި ލީފްލެޓްގައި، ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ 4 ބަހުން މަޢުލޫމާތު ހިމަނާފައިވެއެވެ. ލީފްލެޓާއި ޕޯސްޓަރުތައް ތަޢާރަފުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
ކުރިއަށް އޮތް އަހަރު ޓޫރިސްޓް ޕޮލިސްއިން ބޭނުންކުރާނެ ޝިޢާރެއްގެ ގޮތުގައި "ޓްރެވެލް ސޭފް، ސްވިމް ސޭފް" ކަނޑައެޅުންވެސް މި ރަސްމިއްޔާތުގައި އޮތެވެ. އަދި ދުވަހާ ގުޅޭ ޚާއްޞަ ކޭކެއްވެސް މި ރަސްމިއްޔާތުގައި ފަޅާފައިވެއެވެ.
ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، މިއަދު ހެނދުނު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ޚާއްޞަ ހަދިޔާއެއް ދީފައިވެއެވެ. އޭގެ އިތުރުން، ޓޫރިސް ޕޮލިސް ސެލްފީ ފްރޭމްގައި ފަތުރުވެރިންނާއެކު ފޮޓޯ ނެގުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް