ހަވީރު ވުމުން އާދައިގެ މަތިން ގާތް އެކުވެރިޔަކާއި އެކީ ކޮފީއަކަށް ދިޔައީމެވެ. އެކުވެރިޔާ ރަށުން އައީ މިއަދު ކަމުން ރަށުތެރޭގެ އެކި ކަންކަން ކިޔައިދެމުން ދިޔައެވެ. އާއިލާ އާއި ރަހުމަތްތެރިންގެ ވާހަކައެވެ. އެމީހުންނާއި އެހާ ދުވަސްކޮށްފައި ދިމާވުމުން ލިބުނު ހިތްހަމަޖެހުމުގެ ވާހަކައެވެ. އެވާހަތައް އަހާފައި އަހަރެން ހިތައް އެރިއެވެ. އަހަރެން އެންމެ ފަހުން ރަށަށް ދިޔައީ ކޮން ދުވަހަކު ހެއްޔެވެ؟ މާލެ ބަދަލުވިތާ ދިހަ އަހަރުވީއިރު، ރަށަށް ޖައްސައިލެވުނީ ދެ ފަހަރަކު އެވެ. އެވެސް ދެތިން ދުވަހެއްގެ ދަތުރެކެވެ.
އެކުވެރިޔާ ފާޅުކުރަމުން ދިޔަ ޝުއޫރުތަކުގެ ސަބަބުން މާބޮޑަށް މައިންބަފައިން ދެކިލާހިތްވެއްޖެއެވެ. ގެއަށް އައިސް އަހަރެންގެ އަންހެން ކޮއްކޮއަށް ގުޅައި ރަށަށް ދާނަންތޯ އެހުމުން ހިނިގަނޑެއް ޖަހައިލިއެވެ.
"ބޭބެ މޮޔަވީތަ؟ އަހަރެން ނުދާނަން އެ ގޮފަޅު ރަށްގަނޑަކަށް" ކޮއްކޮ ބުނެލިއެވެ. ކައިވެނިކޮށްގެން ކޮއްކޮ މާލެ ބަދަލުވިތާ މިވީ ތިން އަހަރެވެ. މާލެ އާދެވުމާއި އެކީ ކުރީގެ ދިރިއުޅުން ހަނދާން ނެތިއްޖެއެވެ.
އަހަރެންގެ އުފަން ރަށަށް އަހަރެން ދިޔައީ އޭގެ ދެދުވަސް ފަހުންނެވެ. މަންމަ އާއި ބައްޕަ ދިރިއުޅޭ އެގޭތެރޭގައި އެއްވެސް ދިރުމެއް ނެތެވެ. އަހަރެން ފެނުމުން މަންމަގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕަ އައިސް އަހަރެން ގައިގައި ބައްދައިލިއެވެ. އާދައިގެ ގޮތަކަށް ތެޅިގަލުން ހަދާފައިހުރި އެގެޔަކީ އަހަރެން އުޅެ ބޮޑުވި ގެއެވެ. ނަމަވެސް މުޅިންހެން އެ ގެ މިވަނީ އަހަރެންނަށް ބީރައްޓެހިވެފައެވެ.
މަންމަ އަހަރެންގެ އަތުގައި ހިފައިގެން އަވަހަށް ބަދިގެއަށް ދިޔައެވެ. އަދި ސައިބޯން ފިހެފައިހުރިތަނުން ދެ މަސްރޮއްޓާއި ކަޅު ސައި ތައްޓެއް އަހަރެން ކައިރީ ބެހެއްޓިއެވެ. ބައްޕަ ވެސް އަހަރެން ކައިރީ ސައިބޯން އިށީންދެ އެތައް ސުވާލެއް ކުރަން ފެށިއެވެ. ރަށަށް އައީ ކަމަކުތޯ އާއި ނުބުނެ އައުމުން ޝަކުވާ ކުރިއެވެ. އަހަރެން ރަށަށް އައި ދެފަހަރު ވެސް އައީ އޮފީސް ދަތުރުތަކުގައެވެ.
ކަމުންދިޔައިރު އަހަންނަށް އެތައް ކަމެއް ފާހަގަކުރެވުނެވެ. ބައްޕަ މަސްރޮށި އަނގަޔަށް ލަމުން ދިޔައިރު އަތުން ތުރުތުރު އަޅައެވެ. އަނގައިގެ އެއްކަނެއްގައި މަސްހުނިކޮޅެއް ހަރުލާފައި ހުއްޓެވެ. ބައްޕަގެ ތުނބުޅި އާއި ބޯ ވަނީ އެކީ ހުދުވެފައެވެ. ބައްޕަގެ ބޮލުން އިސްތަށިވެސް މަދުވެއްޖެއެވެ. މަންމަގެ އަތުގެ ނާރުތައް ހުރީ ފުއްޕާފައެވެ. މަންމަގެ މޫނު ކުރިއަށްވުރެ ކަޅުވެފައި ރޫ ގިނައެވެ. ގޮނޑިން ތެދުވަމުން އުނުގަނޑުގައި އަތް ވިއްދާލަމުން "އައްދޯތް" އޭ ބުނެލީ ވޭންދެނިވި އަޑަކުންނެވެ. ސިންކު ކައިރީ ހުރިއިރު މަންމަގެ ކޮނޑުން ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ބައްޕަ ތެދުވެ ހިނގައިގަތީ ފާޑަކަށް ކޮރު ޖަހަމުންނެވެ.
އަހަރެން މިގެއިން މާލެ ދިޔައިރު އެމީހުންގެ މިއިން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. ބައްޕަ އަޅާ އައިނުގެ ބިއްލޫރިގަނޑުގެ ބޯ މިން އިހުސާސްކުރެވުނީ މިއަދުއެވެ. މަންމަ ފޮތްކިޔާއިރު ކައިރީ އިތުރު ލައިޓެއް ބަހައްޓާކަން ވެސް މިއެނގުނީ އަދި ކިރިޔާއެވެ. އެ ލައިޓަކީ އަހަރެން ފޮނުވި އެއްޗެކެވެ. ބައްޕަ ހިނގާއިރު ފާރުގައި އަތް ވިއްދައިގެން ހިނގާކަން ވެސް މިއެނގުނީ މިއަދުއެވެ. ގުޅާލާ ކޮންމެ ފަހަރަކު އެމީހުންގެ ހާލު ބަޔާންކޮށްނުދީ އަހަރެންގެ ހާލު އަހާތީ، އަހަރެން ހީކުރަނީ އެމީހުން ތިބީ ހެޔޮ ހާލުގައި ކަމަށެވެ.
ވަޒީފާއާއި ކިޔެވުމުގައި ވޭތުވެދިޔަ އަހަރުތައް އަހަރެން ދުއްވައިލީ އަރާމާ ލައްޒަތުގައެވެ. މައިންބަފައިން ދުނިޔޭގައި ތިބީތީ އަބަދުވެސް ޝުކުރު ކުރަމެވެ. އެމީހުން ދަރިންނަށް ބޭނުންވާނެ ވަރު ނުވިސްނުނީއެވެ.
ނޭންގި ހުއްޓައި މިއަދު މައިންބަފައިން މުސްކުޅިވެއްޖެ އެވެ. ދަރިންގެ އެހީއަށް ބޭނުންވެއްޖެ އެވެ. އެމީހުންގެ ދުލުން އެހެން ނުބުނާނެކަން އިނގެއެވެ. އަހަރެމެންނަށް އެކަން ވިސްނޭނީ އެމީހުންނަށް ބޮޑުކަމެއް ދިމާވީރުންކަން ޔަގީނެވެ. ނަމަވެސް ވަގުތު ފާއިތުވުމުގެ ކުރިން އަހަންނަށް އެކަން ވިސްނިއްޖެއެވެ. ކޮއްކޮ އަށް ވެސް ވިސްނައިދޭނަމެވެ.
(ނިމުނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް