ނިއުޕޯޓު ހިންގަމުން ދިޔަ ބިމަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އާއި އެތަން ހިންގި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް، އެތަން ހިންގާ ސްޓާޑާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނިއުޕޯޓު ހުރި ބިން ދައުލަތަށް ހަވާލުކުރުމަށެވެ. އަދި މި މައްސަލައިގައި ސާބިތު ވެފައިވާ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސާލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުލީގެ އިތުރުން ޖޫރިމަނާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
އެ ހުކުމުގައި ބުނީ، ހައުސިންގ މިނިސްޓްރީ އާއި ސްޓާޑާ ކުންފުންޏާއި ދެމެދު ބްރިޖް ވިއު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން މާރޗް ހަތް ވަނަ ދުވަހު ބާތިލުކޮށްފައި ވަނީ ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް އެބިން ބޭނުންކުރުމުގެ ހައްގު ލިބިގެން ނުވާއިރު އެ ބިން ބޭނުންކޮށްފައިވާ ކަމަށް ވެސް އަމުރުގައި ހާމަކޮށްފައި ވެއެވެ.
ސްޓާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ބިމުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރިކަމަށެވެ. އެ މަސައްކަތަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި "ނިއު ޕޯޓް" ވިއުގެ ނަމުގައި ރެސްޓޯރަންޓަކާއި ބައިނަލްއަގްވާމީ ފްރެންޗައިޒް ބްރޭންޑް "ޗާޓައިމް" ހުޅުވި ކަމަށާއި، ނަމަވެސް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން "ޗާޓައިމް" ހިންގި ސަރަހައްދު ދައުލަތަށް ނަގައި އެތަން ތަޅާލާފައިވާ ކަމަށެވެ. "ޗާޓައިމް" ހުރި ބިން އެކުންފުނިން ނެގީ އެކުންފުނިން ކުރި އިންވެސްޓްމެންޓަށް އަދުލުވެރި ބަދަލެއް ނުދީ ކަމަށާއި، އެ ބިން ދައުލަތަށް ނެގުމުގެ ސަބަބުން ކުންފުންޏަށް ދޫކުރި ބިން ކުޑަވި ނަމަވެސް ކުއްޔަށް ބަދަލެއް ގެނެސްފައި ނުވާކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
މިކަން މިހެން އޮއްވައި، ބްރިޖް ވިއު ތަރައްގީ ކުރަން ކުންފުނިން ކުއްޔަށް ހިފި ބިމުގެ ކުލި ކޮންމެ މަހަކު ވެސް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ކުންފުނިން އިއުތިރާޒު ނުކުރާ ކަމަށާއި، ނަމަވެސް ކޯޓެއްގެ ހުކުމަކާ ނުލައި އަދި ކުންފުންޏަށް އަދަލުވެރި ބަދަލެއް ދިނުމަކާއި ނުލަ ކުންފުންޏަށް ދޫކުރި ބިމުން ބައެއް ނެގީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ކުލި ނުދެއްކުނީ ވެސް އެ ކަމަށް ހެޔޮ ބަދަލެއް ދީފައިނުވާތީ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް