ތައިލެންޑްގައި ކުރިއަށްދާ "ޗޮޑް" ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގެންފި

ތައިލެންޑުގައި ކުރިއަށްދާ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަންނަވައިފިއެވެ. ތައިލެންޑުގެ ވެރިރަށް...

28 Aug 2019 | 12:36

ތައިލެންޑުގައި ކުރިއަށްދާ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިމަހުގެ 26 އިން 28 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި، ދުނިޔޭގެ 33 ޤައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޗީފް އޮފް ޑިފެންސްގެ މަޤާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެމްއެންޑީއެފުން މައުލޫމާތުދެއްވާގޮތުގައި މި ކޮންފަރެންސްގެ ހަވާސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިމަހުގެ 26 ވަނަ ދުވަހު އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ އެ ދަތުރުފުޅަކީ، މާދަމާ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ފެށުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ސްރީލަންކާގައި އޮންނަ ސެމިނަރ، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ތައިލެންޑާއި ސްރީލަންކާއަށް ޗީފް ޑިފެންސް ފޯސް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް