ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކޮށްދިނުމަށްއެދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން އެކަމަށް އެ ކޮމިޓީން ގޮތެއް ނިންމައިފިއެވެ.
ކޮމިޓީން ނިންމީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި މި މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ ރޭ 9:00ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާވައި އެކަމަށް ގޮތެއް ނިންނީ ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.
ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު މިކަމުގައި ދެން އޮންނާނީ މަޖިލީހުގެ ތަޅުމަށް މިކަން ހުށަހަޅައި ވޯޓަށް އެހުމެވެ. ގާނޫނު އަސާސީ ބުނާގޮތުން ނަމަ ފަނޑިޔާރަކު ވަކި ކުރަން ފާސްވާނީ މެމްބަރުންގެ ތިންބައިކުޅަ އެއްބައިގެ އަގުލަބިއްޔަތުންނެވެ.
ފަނޑިޔާރުކަމުން ދީދީ ވަކިކުރަން ހުށަހެޅި އެކަން ބާރު ސްޕީޑްގައި ކުރިއަށްދާއިރު ފަނޑިޔާރު ދީދީ މިވަގުތު ރާއްޖެއަކު ނެތެވެ. ޖޭއެސްސީން މައްސަލަ ބަލަމުން ދަނިކޮށް ފަނޑިޔާރު ދީދީ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކުރެވޭއިރު އެއް ތުހުމަތަކީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީއަށްވެސް ފައިސާ ލިބިފައިވާކަމަށް އޮތުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް